މިދިޔަ އާދީއްތަ ދުވަހުގެ ރޭ އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގައި ފެންބޮޑުވީ މަގުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމަށާއި, އެކަމަށް އެއްކޮށް ހައްލެއް ލިބޭނީ މަގު އެއްކޮށް ނިމުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ އާދީއްތަ ދުވަހުގެ ރޭ މާލެއަށް ބޯކޮށް ވާރޭ ވެހި، އަމީނީ މަގުގެ ތާރު އެޅި ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން އާއްމުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެންނެވެ. އެގޮތުން، މަގުގައި ފެންހިންދާ ނިޒާމެއް ނެތީތޯ ސުވާލު އުފައްދައި، ގިނަ ބަޔަކު ވަނީ އެ މަގުގެ މަސައްކަތުގެ ފެންވަރާ ގުޅޭގޮތުން ސުވާލު އުފައްދާފައެވެ.
މިކަމާ ގުޅޭގޮތުން އާރްޑީސީގެ އޮޮފިޝަލަކު "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަދިވެސް ބޯކޮށް ވާރޭ ވެހިއްޖަނަމަ އެ ސަރަހައްދުގައި އިރުކޮޅަކަށް ފެން ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެއީ އަދި މަގުގެ މަސައްކަތް އެއްކޮށް ނުނިމޭތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، އަމީނީ މަގުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް، އެ މަގު ތަރައްގީކޮށް ނިމޭއިރު ފެންހިންދާ ނިޒާމު އަޕްގްރޭޑްކޮށް، އައު ޕަމްޕުތައް ބަހައްޓާނެއެވެ.
"ރާއްޖެ އެމްވީ"އަށް މައުލޫމާތު ލިބިފައިވާގޮތުގައި، އާދީއްތަ ދުވަހުގެ ރޭ އަމީނީ މަގުގައި އެހާ ބޮޑަށް ފެންބޮޑުވީ އެ ސަރަހައްދުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާތީ ބައެއް ހޮޅިތައް ބްލޮކްކޮށްފައި ހުރުމުގެ ސަބަބުންނެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެ ފެންގަނޑު ވަނީ ހިނދިފައެވެ.
އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ފުރަތަމަ ތިން ސެގްމަންޓުގެ މަސައްކަތް ނިންމައި ތާރު އަޅާފައިވާއިރު، އަދިވެސް ކާނުގަނޑުތައް ސާފުކުރުން ފަދަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަމީނީ މަގަކީ މާލެއަށް ވާރޭ ވެހޭ ދުވަސްތަކުގައި އެންމެ ބޮޑަށް ފެންބޮޑުވާ އެއް މަގެވެ. ނަމަވެސް މިިހާރު ކުރިއަށްދާ މަޝްރޫއުގެ މަސައްކަތުގެ ދަށުން، އެ ކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަކަން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން، އެ މަގުގައި މިހާރު އަޅާފައި އޮތް ފެން ހިންދާ ނިޒާމް، އެއީ ގްރެވިޓީ ފްލޯއަކުން މަގުމައްޗަށް އެޅޭ ފެން ޕަމްޕް ސްޓޭޝަންތަކަށް ގޮސް، އެ ޕަމްޕް ސްޓޭޝަނުން ޕަންޕްއައުޓް ކުރާގޮތަށް އޮތް ނިޒާމެއް ކަމަށާއި، އެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވެފައިވާގޮތުގައި މިހާރު ހުރި ޕަމްޕްސްޓޭޝަންތަކުގެ އިތުރުން، އިތުރު ޕަމްޕްސްޓޭޝަނެއް ގާއިމްކުރެވިގެންދާނެއެވެ. މިހާރު ހުރި ޕަމްޕްސްޓޭޝަންތަކުގެ ޕަމްޕްތަކުގެ ކެޕޭސިޓީއަކީ 9 ކިލޯ ވޮޓްކަމަށާއި، އަމީނީ މަގުގެ މަސައްކަތްނިމިގެން ދާއިރު ހުރިހާ ޕަމްޕެއް 21 ކިލޯ ވޮޓަށް ޕަމްޕިންގ ކެޕޭސިޓީ ބޮޑުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އެއިރުން ގަޑިއަކު 1000 ކިއުބިކް މީޓަރުގެ ފެން ޕަމްޕްސްޓޭޝަންތަކުން ބޭރުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަމީނީ މަގުގެ ތާރު އަޅާފައިވާ ސެގްމަންޓުތައް ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، އެ މަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އަޅާނެއެވެ.