ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މުހައްމަދު އާސިރު އިސްމާއީލްގެ ސިއްހީ ހާލަތު ހުރިގޮތުން އޭނާ އަށް ވީގޮތް ދެނެގަންނަން ގޮންޖެހުމަކަށް ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) މާލެއިން ގެއްލިގެން ހޯދަމުންދާތާ 12 ދުވަސްފަހުން އޭނާ ފެނިފައިވާ އިރު ފުލުހުން ބުނީ އަދި މިހާތަނަށް އައި އިރު އޭނާ އާއި މެދު ކަން ހިނގި ގޮތް އެނގިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ކަން ހިނގި ގޮތް ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅޭގޮތުން އަންގާރަ ދުވަހު މަޖިލީހުގެ ގައުމީ ސަލާމަތާައި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އާސިރު ގެއްލުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އިންޓެލެޖަންސް އާއި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ އަށް ވީގޮތް މިހާތަނަށް ހޯދިފައި ނުވަނީ އޭނާގެ ސިއްހީ މައްސަލައެއްގެ ސަބަބުން އެ ވާހަކަތައް ކިޔައި ނުދެވޭތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އޭސީޕީ ވިދާޅުވީ އާސިރު އެންމެ ފަހުން ޑޮކްޓަރަށް ދައްކާފައި ވަނީ ޖެނުއަރީ މަހުގެ ފަހުކޮޅު ކަމަށެވެ. އާސިރު އާއި ގުޅުން ހުރި މައުލޫމާތުތައް މަޖިލީހުގެ ކޮމިޓީ އާއި ހިއްސާ ކުރީ ބައެއް މައުލޫމާތުތައް އުނިކުރުމަށް ފަހުގައެވެ. ސަބަބަކީ އެ މައުލޫމާތުތަކުގެ ތެރޭގައި އާސިރުގެ ސިއްހަތާއި، ޒާތީ ކަންކަމާއި ގުޅުން ހުރި މައުލޫމާތު ހިމެނުން ކަމަށް އޭނާ ވިދާޅުވިއެވެ. އާސިރުގެ ސިއްހީ ހާލަތާއި ގުޅިގެން އޭނާ ކަމާއި ގުޅޭ ކޮންސަލްޓަންޓަކަށް ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިވަގުތު އޭނާއަށް އެވާހަކަ ދެއްކުން ރަނގަޅު ނޫންކަމަށް ކޮންސަލްޓަންޓް ލަފާދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ފެބްރުއަރީ 17 ގައި އެއާޕޯޓުން އާސިރު ފެނިފައިވަނީ އެއާޕޯޓުގެ ކެމެރާތަކަށް ނުފެންނަ ހިސާބުގައި ހުއްޓާ ކަމަށެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އޭނާ ގެއްލިގެން ހޭދަވި 12 ދުވަހު ވީގޮތް ދެނެގަނެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާސިރު އާއްމުކޮށް އުޅެނީ ސައިކަލްގައި ނަމަވެސް އޭނާ ގެއްލުނު އިރު އޭނާ އުޅުނީ ސައިކަލުގައި ނޫން ކަމަށާއި ސައިކަލުގެ ތަޅުދަނޑި ގޭގައި އޮތް ކަމަށް އޭސީޕީ ވިދާޅުވިއެވެ. އާސިރުގެ ފޯނު ވެސް އޮތީ އޭނާ ގެއްލުނު މުއްދތަުގެ ތެރޭގައި ނިއްވާލާފައި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެންމެ ފަހުން އޭނާގެ ފޯނު ބޭނުން ކުރި ލޮކޭޝަން ހޯދާ، އޭނާ އާއި އެންމެ ފަހުން މުއާމަލާތު ކުރި މީހުން ވެސް ދެނެގަތުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އާސިރު ޓެކްސީ އަކުން އެއާޕޯޓަށް ފައިބާ މަންޒަރު ފެނުމުން އެ ޓެކްސީ ޑްރައިވަރު ދެނެގަނެ، އެ ޑްރައިވަރާއި ވެސް ސުވާލުކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޑްރައިވަރުގެ ފަރާތުން ލިބެން ހުރި ހުރިހާ މައުލޫމާތެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަ ބެލުމުގައި އެއާޕޯޓުގެ ކެމެރާތަކަށް ނުފެންނަ ގިނަ ތަންތަން ހުރިކަން ފާހަގަވި ކަމަށާއި އެއީ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ އާސިރު ރާއްޖެއިން ބޭރަށް ދިޔަތޯ އާއި ރާއްޖޭގެ އެހެންތަކަށް ދިޔަތޯ ވެސް ބަލާފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ އެއާޕޯޓުގައި ހުރި ކެމެރާތަކާއި، އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާތައް ހިމެނޭހެން 150 ގަޑިއިރަށް ވުރެ ގިނައިރުގެ ފުޓޭޖް ބަލައިގެން ވެސް އާސިރު އަށް ވީ ގޮތް ދެނެގަނެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަން ބަލާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ފުލުހުން ވަނީ އާސިރުގެ މައްސަލައިގެ ތަފްސީލް ރިޕޯޓެއް މަޖިލީހަށް ހުށަހަޅާފައެވެ.