ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 13:43
ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން
ޕޮލިސް
ވާނުވާ ޖަހާފައި ތިބި މީހުން
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާނީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން - އިމްރާން
އާދައިގެ މައްސަލައިގައި ވާނުވާ ޖަހާފައި ނުބައިތިއްބާނެ
ދޫކޮށްލެވެން ހުރި ފަރާތްތައް، ދޫކޮށްލުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު ކުރިއަށް ގެންދަވާ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާނީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ވާނުވާގައި ގިނަ އަދަދެއްގެ ބަޔަކު ޖަލުގައި ތިބޭކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި މިހާރު ތިބީ، ގޭންގު މާރާމާރީއާއި، މީހުން މެރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މިހުން ކަމަށެވެ.

ޖަލުގައި ރިމާންޑަށް ހުކުމްކޮށްފައި ނުވަތަ ޝަރީއަތް ނިމެންދެން ނުވަތަ ވާނުވާގައި ތިބި މީހުންގެ މައްސަލައިގައި ހައްލު ހޯދުމަށްޓަކައި އަޅުގަނޑު އިސްވެ ހުރެގެން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން. އަދި މިހާރުވެސް އެ މަަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަން. މިހާރު ވާނުވާގައި ތިބޭނީ ގޭންގު މާރާމާރީތައް، ނުވަތަ މީހެއްގެ މަރާއި ގުޅުންހުރި މައްސަލަތަކުގައި ނޫނީ ޑްރަގް ވިޔަފާރި ކުރުމުގައި ތިބޭ މީހުން، ނުވަތަ ކުޑަކުދިންނާއި ޖިންސީ ފުރައްސާރަ ކޮށްފައިވާ މައްސަލަތައް. މި މައްސަލަތައް ނޫން އާދައިގެ މައްސަލައިގައި ވާނުވާ ޖަހާފައި ނުބައިތިއްބާނެ
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ މަހަކު އެއްފަހަރު ޕްރޮސެކިއުޓަރ ޖެނެރަލްއާ ބައްދަލުކުރައްވާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ބެލުމަށްފަހުގައި އޭގެ ތެރެއިން ކިރިޔާވެސް ދޫކޮށްލެވެން ހުރި ފަރާތްތައް، ދޫކޮށްލުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު ކުރިއަށް ގެންދަވާ ކަމަށެވެ.

ހިތާމައަކީ މި ދެންނެވި ފަދަ ބޮޑެތި ކުށްތައް ކޮށްފައިވާ ގިނަ ފަރާތްތަކެއް ތިބުމުން، ޝަރުއީ މަރުހަލާ ނުނިމި ލަސްވެގެންދާ ދިއުމުގެ ސަބަބުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ގިނަވަނީ. އެފަދަ ފަރާތްތައް ދޫކޮށްލުމަކީ އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލުކުރެވޭ ކަމަކަށް ނުވާނެ. މިކަމުގެ ހައްލަކަށް އޮތީ ބަންދުގައި ތިމި މީހުންގެ ޝަރީއަތް އަވަހަށް ނިމިގެންދާނެ އިންތިޒާމްތައް ކުރުން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ހިނގައިދިޔަ 2 މާރާމާރީއަށްފަހުގައި އެކަންކަން ތަރުތީބުކޮށް ބެލުމަށް އިތުރު ހަރުފަތަކަށް އެކަން ގެންގޮސްފައިވާނެ ކަމަށެވެ.

ފުލުހުން މަސައްކަތް ކުރަމުން އަންނަ ގޮތް ދެހަފްތާއިން އެއްފަހަރު ތަފްސީލީ ރިޕޯޓެއް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސާފައިވާނެ ކަމަށާއި، އެކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މުހިންމު ޕްލޭނަކާއެކު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ޕްލޭނަށް މިއަހަރުގެ ފަހުކޮޅު އަމަލުކުރަން ފެށި ސީދާ ބިންމަތިން އެކަމުގެ ނަތީޖާ ފެނިގެންދާނެ ކަމަށެވެ.

- ކޮމެންޓް