ރާއްޖޭގެ ވޮލީއަށް އިސްކޮޅުން ދިގު ކުޅުންތެރިންތަކެއް ބޭނުންވާކަމަށް ޤައުމީ އަންހެން ޓީމްގެ ކޯޗު ނިޒާރު އިބްރާހީމް (ބޮޑޭ) ބުނެފިއެވެ. ފޯނޭޝަންސްކަޕަށްފަހު ރާއްޖެ ޓީވީގެ ކުޅިވަރު ފައިނަލް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ނިޒާރު ބުނީ ރާއްޖޭގެ ވޮލީއަށް ޚާއްޞަކޮށް އަންހެން ވޮލީއަށް އިތުރު ކުޅުންތެރިން ބޭނުންވާކަމަށެވެ.
މިހާރު އޮތް ޓީމްގައި ހުނަރުވެރި ކުޅުންތެރިން ތިބިކަން ފާހަގަކުރަމުން ބުނީ އެކަމަކު މިހާރު އޮތް ޓީމަށްވެސް އިސްކޮޅުން ރަނގަޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ ކަމަށެވެ.
ސްކޫލް ލެލެލްގައި, ކޮލެޖް ލެވެލްގައި އަދިވެސް މުބާރާތްތައް ބާއްވަން އެބަޖެހޭ އެކުޅުންތެރިން ހޯދަން.ނިޒާރު އިބްރާހީމް/ ޤައުމީ އަންހެން ވޮލީ ޓީމްގެ ކޯޗު
ނިޒާރު ބުނީ ކުޅުންތެރިން މަދީ ކުރަންޖެހޭ މަސައްކަތްތަކެއް އަދި ނުކުރެވި އޮތުމުން ކަމަށެވެ. ކުޅުންތެރިން ފެންނަވަރު އަދި މަދުކަމަށާއި, އެކަމަށް މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ.
ރާއްޖޭގެ ޓީމާ ގުޅޭ ގޮތުން ނިޒާރު ބުނީ ދަށީ ސަރވިސްއާއި ރިސީވްކަމަށެވެ. ނަމަވެސް ޕްރެކްޓިސްގައި ރިސީވްތައް ވަރަށް ރީތިކަމަށާއި, މެޗަށް އަރައި ކުޑަކޮށް ހާސްވެ ތެޅިގަނެގެން ޖައްސަން ހަދައިގެން ރިސީވް ގޯސްވާކަމަށެވެ. ރިސީވްތައް ސެޓަރާ ހަމައަށް ސަޕްލައިކޮށް ނުދެވޭތީ ކުޅެން ޕްލޭންކުރާ ގޭމް ރަނގަޅަށް ނުކުޅެވޭކަންވެސް ނިޒާރު ފާހަގަކުރިއެވެ.
ޤައުމީ އަންހެން ޓީމްގެ ކެޕްޓަން ހައްވާ ރާޝިދާ ބުނީ ޤައުމީ ޓީމްގައި ތިބި ޖޫނިއަރ ކުޅުންތެރިންނަކީ ވަރަށް މޮޅު, ހުނަރުވެރި ކުޅުންތެރިންކަމަށެވެ. ފޯނޭޝަންސް ކަޕް ފައިނަލްގައި ރާއްޖޭގެ އަންހެން ޓީމް މެލޭޝިޔާ އަތުން ބަލިވީ މޮޅަށް ކުޅެ 3-2 ސެޓުންނެވެ.