އެމެރިކާގައި ދޫނި ރޯގާ ފެތުރެމުންދާތީ ކުކުޅުތަކަށް ވެކްސިން ދިނުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.
އެ ޤައުމުގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ ދޫނި ރޯގާ ޖެހިގެން އެތައް މިލިއަން ކުކުޅެއް މިހާތަނަށް މަރުވެފައިވާތީއެވެ. މީގެ ސަބަބުން އެ ޤައުމުގައި ކުކުޅު ބިހުގެ އަގު ވަނީ އުފުލިފައެވެ. އަދި އިންސާނުންނަށް މި ބަލި ފެތުރުމުގެ ބިރުވެސް އެ ޤައުމުގައި ދަނީ އިތުރުވަމުންނެވެ.
އެމެރިކާގައި ދޫނި ރޯގާ ފެތުރެން ފެށީ މިދިޔަ އަހަރުއެވެ. މިހާތަނަށް އެ ޤައުމުގެ 47 ސްޓޭޓެއްގެ ފާމުތަކުގައި ގެންގުޅޭ 58 މިލިއަން ދޫންޏަށް މި ބަލި ޖެހިފައިވާއިރު މިއީ މިހާތަނަށް އެ ޤައުމުގައި ދޫނި ރޯގާ އެންމެ ގިނަ އަދަދަކަށް ފެތުރިފައިވާ ފަހަރެވެ.
މި ރޯގާ މިހާރު ވަނީ ދޫނިތަކުގެ އިތުރުން އެހެން ބައެއް ޖަނަވާރުތަކަށް ވެސް ފެތުރެން ފަށައިފައެވެ. މީގެ ތެރޭގައި ހިޔަޅާއި ރެކޫން އާއި ސާރިދޯޅަ އާއި މިންކް ފަދަ ޖަނަވާރު ހިމެނެއެވެ. މިއާއެކު އެޗް5އެން1 ވައިރަސް މިއުޓޭޓްވެ، އިންސާނުންގެ މެދުގައި ވެސް ފެތުރިދާނެ ކަމުގެ ބިރު އެބައޮތެވެ.
އެމެރިކާގެ ސެންޓަރސް ފޯ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފައިވާ ގޮތުގައި ދޫނި ރޯގާގެ ޕެންޑެމިކެއް ފެށުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ނަމަވެސް ފިޔަވަޅެއްގެ ގޮތުން ބޭސް އުފައްދާ ކުންފުނިތަކަށް އެ އިދާރާއިން ވަނީ ވެކްސިން އުފެއްދުމަށް ވައިރަހުގެ ސާމްޕަލްތައް ފޮނުވާފައެވެ.
އިންސާނުންނަށް ދޫނި ރޯގާ ޖެހެނީ ވަރަށް މަދުންނެވެ. އަދި ފެތުރުން އެއަށްވުރެ ނާދިރު ކަމަށް މިހާތަނަށް އެނގޭކަމަށް ސިއްހީ މާހިރުން ބުނެއެވެ.