ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 07:28
ޕީއެސްޖީން ކުޅުނު މެޗެއްގައި އަނިޔާވެ ނޭމާ ދަނޑު މައްޗަށް ވެއްޓިފައި
ޕީއެސްޖީން ކުޅުނު މެޗެއްގައި އަނިޔާވެ ނޭމާ ދަނޑު މައްޗަށް ވެއްޓިފައި
ރޮއިޓާރސް
ޕީއެސްޖީ
ސާޖަރީއެއް ކުރަން ޖެހުމުގެ ސަބަބުން ނޭމާ އަށް ސީޒަންގެ ބާކީ ބައި ގެއްލިއްޖެ
 
ޕީއެސްޖީން ބުނީ އެ ސާޖަރީގެ ސަބަބުން ނޭމާ އަށް ޕީއެސްޖީ ޓީމާއެކު އަނބުރާ ފަރިތަކުރުންތަކަށް އާދެވޭނީ ތިން މަސް ނުވަތަ ހަތަރު މަސް ފަހުން ކަމަށް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ އަށް ސީޒަންގެ ބާކީ ބައި ގެއްލިއްޖެ އެވެ.

އެކަން ކަށަވަރުވެފައި ވަނީ ޕީއެސްޖީން ހޯމަ ދުވަހު އާންމު ކުރި މެޑިކަލް ރިޕޯޓުތަކުންނެވެ. ނޭމާ އަށް އަނިޔާވެފައި ވަނީ ޕީއެސްޖީން ފްރާންސް ލީގުގައި ލީލްއާ ދެކޮޅަށް މިދިޔަ ފެބްރުވަރީ މަހު ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން އެ މެޗުގައި ނޭމާ ދަނޑު ބާލާފައި ވަނީ ވެސް އަށިގަނޑުގެ އެހީގަ އެވެ. ނޭމާގެ މެޑިކަލް ޓެސްޓުތަކަށް ފަހު ޕީއެސްޖީން ބުނީ، އޭނާގެ ކަނާއަތު ފައިގެ ކުޑަ ހުޅު މައްސަލަ ހުންނަތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އެ މެޗުގައި ލިބުނު އަނިޔާއާއެކު ޕީއެސްޖީގެ މެޑިކަލް ޓީމުން ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު ބުނީ، އިތުރު ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން ނޭމާގެ ކުޑަ ހުޅުގެ ލިގަަމެންޓުގެ ސާޖަރީއެއް ކުރުމަށެވެ. މީގެ އިތުރުން ޕީއެސްޖީން ބުނީ އެ ސާޖަރީގެ ސަބަބުން ނޭމާ އަށް ޕީއެސްޖީ ޓީމާއެކު އަނބުރާ ފަރިތަކުރުންތަކަށް އާދެވޭނީ ތިން މަސް ނުވަތަ ހަތަރު މަސް ފަހުން ކަމަށެވެ. ނޭމާ އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ ޕީއެސްޖީ އަށް ކުރިމަތިވާނެ ކަންބޮޑުވުމެކެވެ. ޕީއެސްޖީ އަށް ކުރިއަށް އޮތީ ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެ ވަނަ ލެގުގެ މެޗެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު ވެސް ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. ބްރެޒިލާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ކުރިމަތިލި ނަމަވެސް، އެ މުބާރާތުގައި ވެސް ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. އެ މުބާރާތުގައި ނޭމާ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނުއިރު، އެންމެ ފަހުން ބްރެޒިލުން އެކުލަވާލި ސްކޮޑުގައި ނޭމާ ހިމަނާފައެއް ނުވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް