ކ. މާލެ
|
6 މާރޗް 2023 | ހޯމަ 07:18
އަމީނީ މަގު
އަމީނީ މަގު
އެމްޓީސީސީ
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް
އަމީނީ މަގުގެ ތާރު އެޅި ސަރަހައްދު ހުޅުވާލައިފި
އެ ސަރަހައްދު ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެ
އަމީނީ މަގުގައި މިހާތަނަށް ތިން ސެގްމަންޓެއްގައި ވަނީ ތާރު އަޅައިފައި

އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ތާރު އަޅާފައިވާ ސަރަހައްދު އާއްމުކޮށް ހުޅުވާލައިފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދާ، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދު އާއްމުކޮށް ހުޅުވާލީ އާދީއްތަ ދުވަހުގެ ރޭއެވެ. އާއްމުކޮށް އެ ސަރަހައްދު ހުޅުވާލި ނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާރުޑީސީން އިތުރަށް ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ސްޓޯރމް ވޯޓަރ ސިސްޓަމު ޤާއިމު ކުރުމަށް މޫނިމާ ހިނގުން ވަނީ ބަންދުކޮށްފައެވެ.

އަމީނީ މަގުގައި މިހާތަނަށް ހަތަރު ސެގްމަންޓުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ ތެރެއިން ތާރު އަޅައި ނިމިފައިވަނީ ތިން ސެގްމަންޓެއްގައެވެ. އެއީ ހެންވޭރު ކޮޅުން ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ދިމާވާ ހިސާބުން ފެށިގެން ސްޓެލްކޯއާ ހަމައަށެވެ. ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ ސެގްމަންޓުގެ މައިގަނޑު ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އާރުޑީސީން މައުލޫމާތުދެއެވެ.

Advertisement

މި މަޝްރޫއުގެ ދަށުން މިހާރު ފަސްވަނަ ސެގްމަންޓު ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. މި މަސައްކަތް ކުރުމަށް ކޮއިމަލާ ހިނގުން ވަނީ ބަންދުކޮށްފައެވެ. އަމީނީމަގު ސެގްމަންޓް 5ގައި މަސައްކަތް ކުރިއަށްދާނީ އަމީނީމަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިނގުމާއި ހަމައަށެވެ.

ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް މިހާރު ލަފާ ކުރެވޭނީ ސެޕްޓެމްބަރުމަހުގައެވެ.

މި މަޝްރޫއުގެ ދަށުން، އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް