ގާބިލު ލީޑަރުން ބިނާކުރުމަަށް އަދުގެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މަރޕް) އިން އިންތިޒާމުކޮށްގެން ބޭއްވި، ނޭޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ގައުމުގެ މުސްތަގުބަލު ބިނާވެފައި ވަނީ، މިއަދު ބިނާކުރެވޭ ލީޑަރުންގެ ހުނަރާއި ގާބިލުކަމުގެ މައްޗަށް ކަމުގައި މި ސަރުކާރުން ވަރަށް ބޮޑަށް ގަބޫލުކުރާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ ސަރުކާރުން އިންސާނީ ވަސީލަތާއި، ހުނަރުވެރި އަދި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގައި ޒުވާނުންގެ ކުރިއެރުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެގޮތުން، މުސްތަގުބަލުގައި ޤައުމު ހިންގުމާއި ހަވާލުވެ ތިބޭނެ ލީޑަރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސައްކަތްތެރިކަމުގެ ހުނަރުތަކާއި ފަންނީ ހުނަރުތައް އިތުރުކޮށް، މަތީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ސަރުކާރުން ފަހިކޮށްދެއްވަމުން އަންނަކަން އެމަނިކުފާ ފާހަގަކުރެއްވިއެވެ.
ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ކޮންމެ މެމްބަރެއްގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ހުރިހާ ފަރާތްތަކަކަށް، ޚާއްސަކޮށް އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް މި ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.
ނޭޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2023ގެ ބައިވެރިންނާއި މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެ ކޮންފަރެންސްގައި ދަސްވި ކަންކަމުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށާއި، ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުންމަތީގައި ދެމިތިބެ އެކަކު އަނެކަކަށް އިޙުތިރާމު ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
މި އެކްސްޕޯގައި ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރުންނާއި، ކުރިއަރަމުން އަންނަ ލީޑަރުންނާއި، އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުގައި އިސްކޮށް މަސައްކަތްކުރައްވަމުންގެންދަވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ކޮންފަރެންސްގައި ތަޤުރީރު ކުރެއްވި ފަރާތްތަކަށާއި ކޮންފަރެންސް ކުރިއަށް ގެންދިޔުމުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.