ދެކުނު އިގްތިސާދީ މައި ދޮރާށި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ގައިސް ނަސީރެވެ. އަދި ރެނާޓަސް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން ސެލްވަ ސުންދަރަމެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތައް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެންދާއިރު، އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިއީ ދެކުނުގެ އަތޮޅުތަކަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެކެވެ. އަދި މިއީ މުޅި ދުނިޔެއާއި ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް ތަރައްގީކޮށްދޭނެ އުއްމީދީ މަޝްރޫއެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއާއެކު ދެކުނުގެ ސަރަޙައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާޢަތްތައް ތަރައްޤީކުރުމުގައި ގަން އިންޓަރނޭޝަލް އެއަރޕޯޓް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، ދެކުނުގެ ރައްޔިތުންގެ ފުދުންތެރިކަމާއި ފާގަތިކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ގަބޫލު ކުރެއެވެ.
އައްޑޫ ސިޓީގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މުހިއްމު ދައުރެއް އަދާ ކުރާނެއެވެ.