ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 10:03
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ އާއި މެސީ
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ އާއި މެސީ
ރޮއިޓާރސް
ފްރާންސް ލީގު
ނަންޓޭސް މެޗުގައި އެމްބާޕޭ ރެކޯޑު ހެދިއިރު، މެސީ އަށް ވެސް މެޗު ޚާއްސަ
 
އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައި، މެސީ ވަނީ ކުލަބް ލެވެލްގައި 1000 ގޯލް ކޮންޓްރިބިއުޝަނަށް ވާސިލްވެފައި

ފްރާންސް ލީގުގައި ނަންޓޭސްއާ ދެކޮޅަށް ކުޅުނު މެޗުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ނަންޓޭސް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ޕީއެސްޖީ މޮޅުވީ ދެ ވަނަ ހާފުގެ ލަނޑުތަކުންނެވެ. މެޗު ޚާއްސަވި ދެ ކުޅުންތެރިންނަކީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ މެސީ އެވެ. އެ ލަނޑާއެކު މެސީ ވަނީ ކުލަބް ލެވެލްގައި 1000 ގޯލް ކޮންޓްރިބިއުޝަނަށް ވާސިލްވެފަ އެވެ. މެޗުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑަކީ ނަންޓޭސްގެ ހަންޖްމަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަންޓޭސް އިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ޖެހީ ލުޑޮވިކް ބްލާސް އެވެ. އޭގެ ހަތް މިނެޓު ފަހުން ނަންޓޭސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިނާޓިއުސް ގަނާގޯ އެވެ. ދެ ވަނަ ހާފަށް ނުކުމެ 60 ވަނަ މިނެޓުގައި އަލުން ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ޑެނީލޯ ޕެރެއިރާ އެވެ. ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އެމްބާޕޭ އެވެ. އެއާއެކު އެމްބާޕޭ ވެގެން ގޮސްފައި ވަނީ ޕީއެސްޖީގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް 201 ލަނޑު ޖަހައިދީފަ އެވެ.

މޮޅާއެކު ޕީއެސްޖީ އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު 26 މެޗުން 63 ޕޮއިންޓާއެކު އެވެ. ޕީއެސްޖީ އަށްވުރެ މެޗެއް މަދުން ކުޅެގެން ދެ ވަނައިގައި އޮތް މާސޭ އަށް ލިބެނީ 52 ޕޮއިންޓެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
33%
0%
17%
0%
33%
ކޮމެންޓް