ދެކުނު ޖަރުމަނުގައި ބަހަކާއި ލޮރީއެއް އެކްސިޑެންޓްވެ ބަހުގައި އަލިފާން ރޯވުމުގެ ސަބަބުން 30 މީހަކު ޒަޚަމްވެ 18 މީހަކު ގެއްލިއްޖެއެވެ.
އަލިފާން ރޯވި ބަސް އެކްސިޑެންޓްވީ ބަވަރިއާ ސްޓޭޓުގެ ސްޓެމްބެޗް މުނިސިޕަލްޓީ ގެ ކައިރީގައި ލޮރީއަކާއި މުޑިއެރުމުގެ ސަބަބުންނެވެ. ބަހުގައި ތިބީ ޓުއަރިސްޓުން ކަަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މުޅިއެކު 46 ޕަސެންޖަރުންނާއި ދެ ޑްރައިވަރުން ބަހުގައި ތިއްބެވެ.
އޮފިޝަލުން ބުނާގޮތުން ގެއްލުނު 18 މީހުންގެ ތެރެއިން އެއްވެސް މީހަކު ސަލާމަތްވާނެ ކަމަކަށް ނުބެލެވެއެވެ.
ރިޕޯޓުތައް ބުނާގޮތުން ޒަޚަމްވި ބައެއް މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވެއެވެ. ރެސްކިއު ހެލިކޮޕްޓަރުތައް ވެސް މީހުން ސަލާމަތް ކުރުމުގައި އެހީތެރިވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ބަސް ލޮރީ އާއި މުޑިއަރަން ދިމާވި ސަބަބެއް އަދި ނޭނގެއެވެ. ޓްރެފިކް ދަތުރު ކުރަމުން ދިޔައީ ބާރު ސްޕީޑުގައި ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ބުނެފައި ވަނީ ހާދިސާ ހިނގި ސަރަހައްދާއި ދުރުނޫން ހިސާބެއްގައި ރަނގަޅު މެޑިކަލް ފެސިލިޓީޒް އެބަހުރި ކަމަށެވެ.