28 ޑިސެންބަރު 2022 ދުވަހުގެ ވަގުތެއްގައި ފިއުލް ޕަވަރ ކުންފުނީގެ "ހެދޭކުރި" ދޯނީގައި މަސައްކަތްކުރާ ބަނގަލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ލިޓޮން އަދި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމް "ހެދޭކުރި" ދޯނީގައި ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު، އޭގެ ފަހުން މުހައްމަދު ލިޓޮންއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމްގެ މައްޗަށް ދަޢުވާތައް ކުރުމަށް 02 މާރިޗު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
މުޙައްމަދު ނިޒާމްގެ މައްޗަށް އުފުލާފައިވަނީ ޤަޞްދުގައި މީހަކުމެރުމުގެ ކުށުގެ ދަޢުވާއެވެ. މި ދައުވާލާގެ އަސާސީ އަދަބެއްގެ ގޮތުގައި 10 އަހަރަށް ޖަލަށްލުން ނުވަތަ ޤިޞާޞްއާއި ދިޔަ ދިނުން ހިމެނެއެވެ. މީގެއިތުރުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އާއި ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާ ވެސް އުފުލާފައިވެއެވެ. ވައްކަންކުރުމުގެ ކުށުގެ ދަޢުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ. އަދި ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދަޢުވާގެ އަދަބަކީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 25,000 (ފަންސަވީސްހާސް) ރުފިޔާއިން ފެށިގެން 500,000 (ފަސްލައްކަ) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.
ނިޒާމް، މުޙައްމަދު ލިޓޮން މަރާލާފައިވަނީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައި ކަމަށް ހޯދިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. އަދި ލިޓޮން މަރާލާފައިވަނީ މުހައްމަދު ލިޓޮންއަށް ނޭނގި ހުއްޓައި، ކ.ގަލުފަޅު ކިޔާ ސަރަޙައްދު ކައިރިއަށް މޫދަށް، އޭނާ ކޮއްޕާ ވައްޓާލައިގެންނެވެ.
ޕީޖީ އޮފީހުން ބުނީ މިކަން ހިނގާފައިވަނީ 28 ޑިސެންބަރު 2022 ދުވަހުގެ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި ހެދޭކުރި ދޯނީގައި ހުރި މުޙައްމަދު ލިޓޮންގެ 51000 (ފަންސާސް އެއްހާސް ރުފިޔާ) އަށް ވުރެ ގިނަ ފައިސާ، ނިޒާމް ވަގަށް ނަގާފައިވާ ކަމަށް ވެސް ބުންޏެވެ.
މަސްތުވާތަކެތިން މުޢާމަލާތުކުރުމުގެ ދަޢުވާ ނިޒާމްގެ މައްޗަށް ކޮށްފައިވާނީ މި މައްސަލައިގެ ތުހުމަތުގައި، އޭނާ ކުއްޔަށް ހިފައިގެން އުޅޭ މއ.ޝާދީވިލާ އުތުރުބައިގެ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު، ބަރުދަނުގައި ޖުމްލަ 3.2565 ގްރާމް ޑައިމޯފިން ފެނިފައިވާތީއެވެ. ނިޒާމް މަސްތުވާތަކެތި ގަނެފައިވަނީ ހެދޭކުރި ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.