ރާއްޖޭގައި ޗެކު ބޭނުންކުރަމުންދާ މިންވަރު މަދުކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވާލާފައިވާ އެކްޝަން ޕްލޭނަށް ޢަމަލު ކުރަން ފެށުން ފަސްކޮށްފިއެވެ.
މަރުކަޒީ ބޭންކުން ވަނީ ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކުރުމަށާއި، ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި އެ އިދާރާ އިން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އެމްއެމްއޭއާއި ރާއްޖޭގައި ޚިދުމަތްދެމުންދާ އެހެނިހެން ބޭންކްތަކާއި ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާއިބެހޭ އެކްޝަން ޕްލޭނެއް ވެސް ވަނީ އެކުލަވާލާފައެވެ.
އެ އެކްޝަން ޕްލޭން އާއްމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގައެވެ. އެ އެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމަކީ ކުރިއަށް އޮތް އެޕްރިލް މަހުގެ 1ވަނަ ދުވަހުން ފެށިގެން، ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް މަދުކުރުމެވެ. އެގޮތުން ރާއްޖޭގައި ޗެކު މެދުވެރިކޮށް މުއާމަލާތްކުރެވޭނެ އެންމެ މަތީ ޢަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 ކަމަށާއި ޔޫއެސް ޑޮލަރުން ނަމަ 3،000 ކަމަށް އެމްއެމްއޭ އިން ވަނީ ކަނޑައަޅާފައެވެ.
އެ އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކުން އެންމެ އެދެވޭ މިންވަރަށް ތައްޔާރުވެފައި ނުވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އެހެންކަމުން އެ ބަދަލަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އަންނަމަހުގެ 1ވަނަ ދުވަހުގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ނިންމުމަށް އަމަލުކުރުން ލަސްކޮށްފައިވާކަމަށް އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެެ.
ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގައި ޕޭމަންޓް ދެއްކުމަށް ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމަށާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމަށް ބާރު އެޅުމަށް އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އޭގެ ތެރޭގައި، ޗެކު ޕްރޮސެސްކުރުމަށް ފީއެއް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ބޭންކުތަކުން އެފަރާތުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ. އެ އެކްޝަން ޕްލޭންގެ ދަށުން ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމަށް އެފަރާތުގެ ކަސްޓަމަރުން އަހުލުވެރި ކުރުވާ ހޭލުންތެރި ކުރުމަށް ވަނީ ނިންމާފައެވެ.