ކ. މާލެ
|
4 މާރޗް 2023 | ހޮނިހިރު 08:27
މާސިން އޮލެކްސީ - ޕުސްކާސް އެވޯޑާއެކު: ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލު ޖެހީ އޭނާ
މާސިން އޮލެކްސީ - ޕުސްކާސް އެވޯޑާއެކު: ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލު ޖެހީ އޭނާ
ފީފާ
ފީފާ ދަ ބެސްޓް ފުޓްބޯޅަ އެވޯޑްސް
އެއްފައިން ކުޅެ، މޮޅު ގޯލެއް ޖެހި މާސިން އެލެކްސީގެ ވާހަކަ
 
އޭނާގެ ފައި ބުރިކޮށްލަން ޖެހުނީ، ފައިމައްޗަށް ކޮންކްރީޓް މެޝިނެއް ވެއްޓުމުގެ ސަބަބުން

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ގޯލު ޖެހުމަކީ ކޮންމެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ވެސް ހުވަފެނެކެވެ. 2019 ވަނަ އަހަރު ފީފާ ޕުސްކާސް އެވޯޑްގެ ނަމުގައި މި އިނާމް ތައާރްފަކުރުމާއެކު ކުޅުންތެރިންގެ މެދުގައި އެވޯޑުގެ ވާދަވެރިކަން ވަރަށް ބޮޑުވިއެވެ. މިއަށްފަހު މިހާތަނަށް މިއެވޯޑް ހާސިލްކުރީ މުޅިން ވެސް ފުރިހަމަ ސިއްހަތެއްގައި، ގަދަވެ ސަލާމަތުން ތިބި ކުޅުންތެރިންނެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭ ފީފާ ޕުސްކާސް އެވޯޑް ލިބުނީ ވަރަށް ހާއްސަ ކުޅުންތެރިއަކަށެވެ.

އެއީ ޕޮލެންޑްގެ މާސިން އެލެކްސީއެވެ. އޭނާއަކީ އަސައެއްގެ އެހީގައި ކޮޅަށްހުރެ، އެއްފައިން ފުޓްބޯޅަ ކުޅޭ ކުޅުންތެރިއެކެވެ. އެލެކްސީ ޕުސްކާސް އެވޯޑް ހޯދިއިރު އޭނާއަކީ ކާކުކަން ފީފާ ދަ ބެސްޓް އެވޯޑްސް ހަފުލާ ބަލަމުންދިޔަ ގިނަ ބަޔަކަށް ވެސް ނޭނގުނެވެ. ނަން ގޮވުމާއެކު އޭނާ ފެންކަޅިވިއެވެ. އެވޯޑް ބަލައި އޭނާ ސްޓޭޖަށް އެރީ ބާރަށް ހިނގާފައި ގޮހެވެ. މިއީ ގިނަ ބަޔަކަށް އޭނާ ފާހަގަކުރަން ނޭނގުނު އެއް ސަބަބެވެ.

އެލްކްސީއާއެކު އެވޯޑަށް ވާދަކުރި އަނެއް ދެ ކުޅުންތެރިންނަކީ އެންމެންނަށް ވެސް ފަރިތަ ދެ ކުޅުންތެރިންނެވެ. ބްރެޒިލްގެ ފޯވަޑް ރިޗާލިސަންއާއި މާސޭއަށް ކުޅޭ ފްރާންސްގެ ޑިމިޓްރީ ޕަޔެޓްއެވެ. އެކަމަކު މި ދެ ކުޅުންތެރިން ފަހަތަށް ޖައްސައި އެލެކްސީ ކުރިހޯދީ އާދަޔާހިލާފު މޮޅު ގޯލަކުންނެވެ.

މާސިން އޮލެކްސީ ޕޮލެންޑް ލީގުގައި ކުޅެނީ: ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލު ޖެހީ އޭނާ - ފީފާ

އެއް ފައި ބުރިކޮށްލާފައި ހުރުމުން ދަނޑުމަތީގައި ހަރަކާތްތެރިވެ އުޅުމަށް އޭނާއަށް ކުރިމަތިވެފައިވާ ހުރި އެތައް ގިނަގުނަ އުނދަގޫތަކާއެކު، އެލެކްސީ ޕޮލެންޑް އެމްޕުޓީ ފުޓްބޯޅަ ލީގުގައި ގޯލް ޖެހީ އިދިކޮޅު ޕެނަލްޓީ ބޮކްސްމަތިން ފުންމައިގެން އަރައި ބައިސްކަލް ކިކަކުންނެވެ. އެއީ އޭނާ ކުޅޭ، ވާޓާ ޕޮޒްނަންއާއި ސްޓަލް ރިސްޒޯ ކުޅުނު މެޗުގައެވެ. އޭނާގެ މި ލަނޑަކީ ޓީމުގެ ކުޅުންތެރިންނަށް ވެސް ގަބޫލުކުރަން ދަތިވި ލަނޑެކެވެ.

އެލެކްސީ ފައި ބުރިކޮށްލީ ކީއްވެ؟

މާޓިން އެލެކްސީ އަކީ އެންމެ ފުރަތަމަ ގޯލްކީޕަރަކެވެ. ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތަކީ ކޮންސްޓްރަކްޝަން މަސައްކަތެވެ. އުމުރުން 23 އަހަރުގައި އޭނާގެ ފައި ބުރިކޮށްލަން ޖެހުނީ މަގު ހަދަން ގެންގުޅުނު ކޮންކްރީޓް މެޝިނެއް ފައިމައްޗަށް ވެއްޓި، ލިބުނު އަނިޔާއިން އަރައިގަނެ، ފުރާނަ ސަލާމަތްކުރުމަށް، އެ ފައި ބުރިކޮށްލަން ޑޮކްޓަރުން ލަފާދިނުމުންނެވެ.

މި ހާދިސާއަށް 12 އަހަރު ފަހުން އެމްޕުޓީ، ކުޅުންތެރިއެއްގެ ގޮތުގައި ގައުމު ތަމްސީލުކުރަން ފުޓްބޯޅަ ބޫޓަށް އެރި ނަމަވެސް ކޮންސްޓްރަކްޝަން މަސައްކަތް ދޫކޮށެއްނުލައެވެ. މިހާރު އޭނާއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިވެރިއެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި އެމްޕުޓީ ވޯލްޑްކަޕްގައި ޕޮލެންޑްގެ ގައުމީ ޓީމް ވެސް ތަމްސީލުކޮށްފައެވެ.

އެ ޕާސް ދިނީ އަހަރެންގެ ޓީމް މޭޓް ނޮވަކް. އޭނާ ބޯޅައަށް ދާތަން ފެނުމާއެކު އަހަރެންނަށް އެ ބޯޅަ ލިބޭނެކަން އެނގުނު. އަހަރެން ބޯޅަ ލިބިގަތީ އެއްވެސް އުނދަގޫކަމެއްނެތި. އަހަރެން ބޯޅައިގަ ޖެހީ ވަރަށް ޔަގީންކަމާއެކު. އެ ބޯޅަ ގޮސް ގޯލުގެ ކަނަށް ވަންއިރު އަހަރެން ވަރަށް ރީއްޗަށް ދުށިން. (ބައިސްކަލް ކިކް ޖަހާފައި ބިންމައްޗަށް) ވެއްޓެމުން ދިޔައިރު ވެސް އަހަރެންދިޔައީ ބޯޅަ ފޮލޯކުރަމުން. އަހަރެން އަބަދުވެސް ބޭނުންވަނީ ރީތި ގޯލު ޖަހަން. ކަލޭމެންނަށް ފެންނާނެ އެ ގޯލަށްފަހު އަހަރެން އެކަމާ ފަރުވެރިވެފަ ހުރިވަރު. (ބޯޅައިގަ ޖަހަން) އަހަރެން ވަރަށް މައްޗަށް ފުންމައިގެން އެރިން. އެކަމާ އަހަރެން މިހުރީ ވަރަށް އުފަލުން.
މާޓިން އޮލެސްކީ
މާސިން އޮލެކްސީ ޕޮލެންޑް ލީގުގައި ކުޅެނީ: ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލު ޖެހީ އޭނާ - ފީފާ

އެއްފައި ގެއްލުމުން ހިތްދަތިވި: ޝުކުރު އަންހެނުންނަށް

އޭނާ ބުނީ އެއްފައި ގެއްލުމާއެކު ހަޔާތުގައި ހިތްދަތި ދުވަސްތަކެއް ވޭތުކުރަން ޖެހުނު ކަމަށެވެ.

އެކަން ހިނގާދިޔައިރު އަހަރެންގެ އަންހެނުން އިނީ ބަލިވެ. އާއިލާގެ ހުރިހާ ޒިންމާތަކެއް އަހަންނަށް ނެގޭގޮތެއްނުވި. ހުރިހާ ޒިންމާތަކެއް ނެގީ އަންހެނުން. އަހަންނަށް އޭރު ހީވީ އަހަންނަކީ އޭނައަށް ލިބިފަ އޮތް ދެ ވަނަ ބޭބީ ކަމަށް. އޭނައަށް ވަގުތެއްނުވޭ އަހަރެންގެ ހުރިހާ ކަމެއްކޮށްފަ އޭނާގެ އަމިއްލަ ކަންކަމަކަށް. އަހަރެން އަލުން އެނބުރި އައުމަށް، އޭނަ އަހަންނަށް އަޅާލާ، ކޮށްދިން ކަންތައްތަކަށްޓަކާ ވަރަށް ޝުކުރުވެރިވަން.
މާޓިން އޮލެސްކީ

ވާތުފައި ބުރިކޮށްލުމަށްފަހު އަލުން ފުޓްބޯޅައެއްގައި ފުރަތަމަ ފަހަރަށް އޭނާ ފައި ޖައްސާލީ ފަސް އަހަރުވީ ދަރިފުޅާ އެކުގައެވެ.

މިއަށްފަހު ޕްރެކްޓިސްކޮށް، އެމްޕުޓީ ލީގުގައި ކުޅެން އަހަރެން ނިންމީ. އަހަރެންގެ ދަރިން އަހަންނަށް މި އެވޯޑް ލިބުމުން ފަހުރުވެރިވޭ. އަހަރެންގެ ފިރިހެން ދަރިފުޅުގެ ކްލާސް ކުދިން އޭނާ ގާތު ބުނި، ތިމަންނަމެން ދުށީމޭ ކަލޭގެ ބައްޕަ، (ފްރާންސްގެ ފޯވާޑް) އެމްބާޕޭއާ (އާޖެންޓީނާގެ ކެޕްޓަން) މެސީއާއެކު ހުއްޓާ. އޭނަ މިހާރު ވަރަށް މަޝްހޫރޭ ވެސް އެކުދިން ބުނޭ. އެ މީހުން ބޭނުންވޭ އެމީހުންނަށް އަހަރެން އޮޓޯގްރާފް ދޭން. އަހަރެން މީގެ ކުރިން ހިޔެއްނުކުރަން އެފަދަ މޮޅު ކުޅުންތެރިންތަކަކާއެކު އަހަރެންގެ ނަން ކިޔާފާނެ ކަމަކަށް. އެމީހުންނާއެކު ހުރެވޭނެ ކަމަކަށް. އަހަރެން ހަގީގަތުގަވެސް މިހުރީ ވަރަށް އުފަލުން.
މާޓިން އޮލެސްކީ
މާސިން އޮލެކްސީ ޕުސްކާސް އެވޯޑާއެކު: ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ގޯލު ޖެހީ އޭނާ - ފީފާ

އެއީ ތެދެކެވެ. ޕުސްކާސް އެވޯޑާއެކު އޮލެކްސީގެ ނަން ދުނިޔޭގެ އެތަން މިތަނުގައި ވިދާލައިފިއެވެ. ރާއްޖެއެމްވީގެ ވެބްސައިޓު މެދުވެރިކޮށް، މުޅި ދިވެހިރާއްޖެއަށް ވެސް އެލެކްސީ މަޝްހޫރުވީއެވެ. ސޯޝަލް މީޑިޔާގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު އިތުރުވެގެންދަނީ ރޮކެޓް ސްޕީޑުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
33%
0%
0%
0%
0%
67%
ކޮމެންޓް