ފ.މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށް ބެލެވެނީ އޮގަސްޓުގެ ނިޔަލަށްކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޑިސެމްބަރު މަސް ތެރޭގައި މަސައްކަތް މޮބިލައިޒްކޮށްފައިވާކަމަށާއި، މިހާރު 50 އިންސައްތަ ހިއްކާ ނިމިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އިތުރަށް 50 އިންސައްތަ ސަރަހައްދެއް ހިއްކަންޖެހޭ ކަމަށާއި، އެމްޓީސީސީގެ ޓީމުން ރާވަމުންދަނީ ހިއްކަމުންދާއިރު ރަންވޭގެ މަސައްކަތްވެސް ކުރެވޭނެ ގޮތަށް ކަމަށެވެ.
އެންމެ ގިނަ ވަގުތު ނަގަނީ ބިން ހިއްކުމަށާއި، އިމާރާތްތައް އެޅުމަށްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ދެ އިމާރާތެއް އަޅަންޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. އެއީ ފަޔަރ ބިލްޑިންގއާއި ޓަރމިނަލް ބިލްޑިންގް އެވެ.
މި މަސައްކަތް އޮގަސްޓުގެ ނިޔަލަށް އެއްކޮށް ނިންމައި އެއަރޕޯޓު ހުޅުވޭ ވަރަށް މަސައްކަތް ކުރަމުންދާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އެންމެ ބޮޑު ޗެލެންޖެއް އޮތީ ބިން ހިއްކުމަށް. ނަމަވެސް ޖުލައި މެދުތެރެއަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރެވޭ، މުޅި އެއަރޕޯޓުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށް ބެލެވެނީ އޮގަސްޓުގެ ނިޔަލަށްއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ފ. މަގޫދޫ ބިން ހިއްކާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 17 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، އެއަރޕޯޓް ޤާއިމުކުރުމަށްޓަކައި 30.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ޖުމްލަ 47.8 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މީގެއިތުރުން 3339 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. މި މަޝްރޫއަކީ 206.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީއާއި ޕްލޭނިންގ މިނިސްޓްރީ އާ ދެމެދު ސޮއިކޮށްފައިވަނީ 2022 އޮކްޓޯބަރު 19 ވަނަ ދުވަހުއެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީކުރާ މަގޫދޫ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.