އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލޭ ގޮތަކަށް ރިޔާސީ އިންތިހާބު ބޭއްވިގެން ނުވާނެކަމަށް ބްލައިންޑް އެސޯސިއޭޝަނުން ބުނެފިއެވެ.
ލޯފަން މީހުންނަށްވެސް ސިއްރު ވޯޓެއް ލުމަށް ލިބިދޭން ޖެހޭ ގާނޫނީ ހައްގުން މަހުރޫމްވެފައިވާކަމަށާއި އެ ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް ބުނެ, ރައްޔިތުންގެ މަޖިލީހުގައި މިއަދު ބްލައިންޑް އެސޯސިއޭޝަނުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެސޯސިއޭޝަނުން ވަނީ އެ ކަމުގެ ހައްލުވެސް ކިޔައިދީފައެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމަން ބްލައިންޑް އެސޯސިއޭޝަންގެ މެންބަރު އަބްދުﷲ ޒިޔާއު ވިދާޅުވީ ލޯފަން މީހުންގެ އެ ހައްގުތައް ކަށަވަރުކޮށްނުދީ އިންތިހާބު ބޭއްވިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިފައި އޮވެ އިންތިހާބެއް ބޭއްވިގެންވާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެންކަމުން، އެ ހައްގު ލޯފަން މީހުންނަށް ނުލިބި މި އިންތިހާބު ބޭއްވިގެން ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ވަގުތު ނެތްނަމަ އިންތިހާބު ފަސްކޮށްގެން ނަމަވެސް އިންތިހާބު ބާއްވަން ވާނީ މި ހައްގު ކަށަވަރުކޮށްދިނުމަށްފަހު ކަމަށެވެ.
ޒިޔާއު އިތުރަށް ވިދާޅުވީ މުއައްސަސާތަކާއެކު ކުރެވޭ މަޝްވަރާއިން މި ކަން ހައްލުނުވެއްޖެނަމަ ކޯޓަށް ގޮސްގެން ވެސް މި ކަން ހައްލުކުރަން ނުކުންނާނެ ކަމަށެވެ. އަދި ލޯފަން މީހުންގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް އެ އެސޯސިއޭޝަނުން ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.