ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ވެސް ސިއްރު ވޯޓެއްލުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި, އެއީ ގާނޫނުން ލިބިދޭ ހައްގެއްކަމަށް ބުނެ އެ ފުރުސަތު ހޯދައިދޭން ބްލައިންޑް އެސޯސިއޭޝަނުން އެދިއްޖެއެވެ.
ބްލައިންޑް އެސޯސިއޭޝަންގެ ނައިބު ރައީސް ހުސައިން ޝަރީފް ނޫސްވެރިންނާ ބައްދަލުކުރައްވައި ބުދަ ދުވަހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުން ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއެކުވެސް، ސިއްރު ވޯޓެއް ލުމުގެ ހައްގުން އެ ފަރާތްތައް މަހުރޫމްކޮށްފައިވާކަމަށެވެ.
އެއީ ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އެ ކަން އޮތް ގޮތް ކަމަށާއި، ނަމަވެސް މިއަދު ދުނިޔޭގެ އެކި ގައުމުތަކުގައި މި ކަމަށް ހައްލުތަކާއެކު ޕްރެކްޓިސް ކުރެވެމުން ދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ގާނޫނުން މި ގޮތަށް މަޖުބޫރުކޮށްފައި އޮތްއިރު ވެސް މި ކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް ހައްލު ހޯދުމަށް 2017ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނާއެކު ރަސްމީ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، މިހާތަނަށް ހައްލެއް ލިބިފައި ނުވާކަމަށެވެ.
ހުސައިން ވިދާޅުވީ އެ ކަމަށް ހައްލު ހޯދަން މަސައްކަތްކުރާ ސަބަބަކީ މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ނުލިބުމުން ލޯފަން މީހުންނަށް ކުރިމަތިވާ ތަފާތު ފިއްތުންތަކާއި ނުފޫޒުތަކުގެ ސަބަބުން ކަމަށެވެ.
އަޅުގަނޑުމެން މި ފަހަރު ހައްލަކާއެކު މިއައީ. ވޯޓު ކަރުދާހަށް ބަދަލު ގެންނަން ހަރަދުތަކެއް ކުރާނެ ކަމެއް ނެތް. އެކަމު ހާޑް މެޓީރިއަލަކުން ހަދާފަ ވާ ކަރުދާސް ކޮޅެއް ވޯޓު ކަރުދާހާ އެއްވަރަށް ބައްޓަން ކޮށްލާނީ. ފާހަގަ ޖަހަންޖެހޭ ގޮޅިތަކާ ދިމާވާގޮތަށް މި ހުންނަނީ ހެޔޮ ފާހަގަ ޖަހާލާ ގޮތަށް ކަނޑާފަ. އެހެންވީމަ ލޮލަށް ނުފެންނަ ކުދިންނަށް އަތްލައިގެން ވެސް އެނގޭނެ. 600 ވޯޓު ފޮއްޓަށް އޭގެ ސާމްޕަލް ހަދާލެވޭނެ.ހުސައިން ޝަރީފް / ބްލައިންޑް އެސޯސިއޭޝަންގެ ނައިބު ރައީސް
ހުސައިން ވިދާޅުވީ އެ އެސޯސިއޭޝަނުން އެ ހުށަހެޅި ހައްލަކީ ވަރަށް ކުޑަ ހަރަދަކުން ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި އެ ހައްލުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިއްރު ވޯޓެއްލުމުގެ ހައްގު ހޯދައިދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ،
މި ކަމާ ގުޅުވައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އެ މީހުން އިހްތިޔާުރުކުރާ ކެނޑިޑޭޓެއްގެ ނަމާ ދިމާގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.