ވާދަވެރި ރެއާލް މެޑްރިޑުގެ ދަނޑު، ސަންޓިއާގޯ ބާނަބެއުގައި މޮޅުވުމަކީ އެހެން ކަހަލަ އިހުސާސެއް ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
ޒަވީ މިހެން ބުނީ ކޮޕަ ޑެލް ރޭ މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރެއާލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މެޗުގެ ކުރިން ވާހަކަ ދައްކަމުން ޒަވީ ބުނީ، އަދިވެސް ބާނަބެއުގެ މެދުގައި ބޯޅަ ހިފައިގެން އޭނާ ކުޅެން ބޭނުންވާ ކަމަށާއި، އެކަމުގެ ލޯބި ވެސް އޮންނަ ކަމަށެވެ. ނަމަވެސް މިހާރު އޭނާ އަށް އެކަން ކުރެވެން ނެތް ކަމަށެވެ. އެކަން ފާހަގަކޮށް ޒަވީ ބުނީ، ކުޅުންތެރިންގެ ގާތު ހުށިޔާރުވެ ތިބެ، މޮޅު މެޗެއް ކުޅެން ބުނަނީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ރެއާލަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، ޔޫރަޕުގައ ވެސް އެމީހުން އަންނަނީ މޮޅަށް ކުޅެމުން ކަމަށެވެ. ޒަވީ ބުނީ ދާދި ފަހުން ރެއާލުން ވަނީ ވަރުގަދަ މެޗެެއްގައި ލިވަޕޫލް ވެސް ބަލިކޮށްފައި ކަމަށާއި، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ފޭވަރިޓުންނަކީ ވެސް ރެއާލް ކަމަށެވެ.
މީގެ އިތުރުން ޒަވީ ބުނީ އެ ވާހަކަ ދައްކަން އޭނާ ޖެހިލުން ނުވާ ކަމަށާއި، ތެދު ހަގީގަތަކަށް ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް ޒަވީ ޤަބޫލު ކުރާ ގޮތުގައި ރެއާލް ބަލިކުރުމަށް ބޭނުންވާ އެތައް ހުނަރަކާއި، ޤާބިލްކަމެއް ބާސެލޯނާގެ އެބަ އޮތެވެ. އޭނާ ބުނީ ބާސެލޯނާގައި ތިބީ މޮޅުވުމަށް ބޭނުންވާ ކުޅުންތެރިން ކަމަށެވެ.
އެ ސަބަބަށްޓަކައި އަހަރެން ކުޅުންތެރިން ގާތު ބުނިން، ފަރުވާތެރިވެ، ވަރަށް ބޮޑަށް ހުށިޔާރުވެގެން މޮޅު މެޗެއް ކުޅުމަށް، އެއީ ބާނަބެއުގައި މޮޅުވުމަކީ ވަރަށް އެހެން ކަހަލަ އިހުސާސެއް.ޒަވީ ހެނާންޑޭޒް / ބާސެލޯނާގެ ކޯޗު
މީގެ އިތުރުން ޒަވީ ވެސް ވަނީ ރެއާލަށް ކުޅެމުން އަންނަ ވިނީޝިއަސް ޖޫނިއާގެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ވިނީޝިއަސް އަންނަނީ ތަފާތު ދައްކަމުން ކަމަށާއި، އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އަދި އިިދިކޮޅު ޓީމަށް ނުރައްކާ ކުރުމަށް ވިނީޝިއަސް މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހުއްޓުވުމަކީ ވެސް އުނދަގޫ ކަމެއް ކަމަށެވެ. ޒަވީ ބުނީ އޭނާ އަކީ ގޯލާ ވަރަށް ރަހުމަތްތެރި ކުޅުންތެރިއެއް ކަމަށާއި، ބާސެލޯނާ އިން އެންމެ ބޮޑަށް ފާރަލާން ޖެހޭނެ އެއް ކުޅުންތެރިޔަކީ ވެސް އޭނާ ކަމަށެވެ. އަދި އޭނާ އަށް ބުނެވޭނީ އަސްލު ތަފާތެއް ނެރޭނެ ކުޅުންތެރިޔަކީ ވެސް ވިނީޝިއަސް ކަމަށެވެ.
ކޮޕަ ޑެލް ރޭ މުބާރާތުގައި ރެއާލްގެ ދަނޑުގައި ބާސެލޯނާ އިން އެ ޓީމާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.