ގދ. ތިނަދޫގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގައި މިހާރު ކުރަމުންދަނީ ޑިޒައިނިންގ މަސައްކަތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިހެން ވިދާޅުވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ، ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ދެއްވި ޖަވާބުގައެވެ.
މެންބަރު މުޣުނީ ކުރެއްވި ސުވާލަކީ ތިނަދޫގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލު އިމާރާތްކުރަން މިހާރު ކުރައްވަމުންދާ މަސައްކަތަކީ ކޮބައިތޯއާއި އަދި އެ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚަކީ ކޮބައިތޯއެވެ.
މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ނަސީމު ވިދާޅުވީ ތިނަދޫގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރެވެމުންދަނީ ހޮސްޕިޓަލު ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ޑިޒައިންގެ މަސައްކަތް ނިމުނުހާ އަވަހަކަށް އިމާރާތްކުރުމުގެ އަމަލީ ފެށިގެންދާނެ ކަމަށެވެ.
ގދ ތިނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ކުވެއިތު ފަންޑުން ލޯނު ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.