ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގެ 18 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، 16 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތޯރިގް އެގޮތަށް ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ތޯރިގް ވިދާޅުވީ ރައީސް ޔާމިންގެ ސަރުކާރުގެ ވޭތުވެދިޔަސް ދުވަސްތަކުގައި މިހާތަނަށް 18 ރަށެއްގެ ނަރުދަމާ ގާއިމުކޮށް ނިންމާފައިވާ ކަމަށާއި މިހާރު ވެސް 21 ރަށެއްގެ ނަރުދާމާ ކުރިއަށްދާ ކަމަށެވެ. އަދި މިސަރުކާރުން މިހާތަނަށް 16 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށް ނިންމާފައިވާ ކަމަށާއި މިހާރުވެސް 20 ރަށެއްގެ ފެނުގެ ނިޒާމު ކުރިއަށްދާ ކަމަށެެވެ. އަދި ހަ ރަށެއްގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފެށުމަށް ރޭވިފައިވާ ކަމަށް ވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގް އެ އަދަދުތައް ވިދާޅުވި ނަމަވެސް ފެނާއި ނަރުދަމާ ގާއިމުކޮށް ނިމިފައިވާ ރަށްރަށާއި މިހާރު ހިނގަމުންދާ ރަށްރަށުގެ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ފެނާއި ނަރުދަމާގެ ހިދްމަތް ނުލިބޭ ކިތައް ރަށް އެބައޮތްތޯ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް މިނިސްޓަރު ތޯރިގް ޖަވާބު ދެއްވާފައެއް ނުވެއެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ސުވާލުގައި ވަނީ "ތ. އަތޮޅު ކިނބިދޫ، ހިރިލަންދޫ، ވަންދޫ، އޮމަދޫ އަދި ކަނޑޫދޫ މި ފަސް ރަށުގެ ފެނާއި ނަރުދަމާ ނިޒާމު ރައްޔިތުންނަށް ލިބޭނީ ކޮންއިރަކުންތޯ؟" އެވެ.
ރިޔާޒުގެ އެ ސުވާލަށް ޖަބާވު ދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ އެ މިނިސްޓްރީން އަމަލު ކުރަމުންގެންދަނީ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ކަމަށެވެ.
ރިޔާޒު ވިދާޅުވީ ތޯރިގް ދެއްކެވި ވާހަކަ ގަބޫލު ނުކުރެއްވޭ ކަމަށާއި ވޭތުވެދިޔަ ތިން އަހަރުގެ ބަޖެޓްގައި ކިނބިދޫ ދާއިރާގެ ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމު ކުރުމަށް ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށާއި އެހެންނަމަވެސް އެމަސައްކަތް ކުރައްވާފައި ނުވާ ކަމަށެވެ. އަދި ކުރެއްވި ސުވާލަށް މިނިސްޓަރު ތޯރިގް ޖަވާބު ދެއްވާފައިނުވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒުގެ އެވާހަކަތަކާ ގުޅިގެން ތޯރިގް ވިދާޅުވީ ބަޖެޓްގައި ހިމަނާފައިވާ ފައިސާގެ އަދަދުތަކަކީ ފެނާއި ނަރުދަމާ ގާއިމު ކުރުމަށްދާ ޚަރަދަށް ވުރެ ކުޑަ ބަޖެޓެއް ކަމަށެވެ.
ތޯރިގް އެގޮތަށް ވިދާޅުވިއިރު، ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރާނެ ރަށްތަކާއި އެކަމަށް ދާނެ ޚަރަދު ހިމަނައިގެން އެ ބަޖެޓް ތައްޔާރު ކުރައްވަނީ ވެސް އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީންނެވެ. އަދި ސަރުކާރުން ބަޖެޓް މަޖިލީހަށް ފޮނުވުމުން މަޖިލީހުން ބަޖެޓް ކޮށްފައި ވަނީ ވެސް ރައީސް ޔާމީންގެ ސަރުކާރުން ބޭނުންވާ ގޮތަށެވެ.