އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް ތާރު އަޅާފައިވާ ސަރަހައްދު މި ހަފުތާ ތެރޭގައި ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މިހާރު ތާރު އަޅާފައިވާ ބައި ހުޅުވާލުމުގެ ކުރިން ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ، އެގޮތުން މިހާރު ކުރިއަށްދަނީ މަގުގެ ކައިރި ފަށް ހަދައި، ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަމީނީ މަގުގައި މިހާތަނަށް ހަތަރު ސެގްމަންޓުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ ތެރެއިން ތިން ސެގްމަންޓެއްގައި މިހާރު ވަނީ ތާރު އަޅައި ނިމިފައެވެ. އެއީ ހެންވޭރު ކޮޅުން ބޮޑުތަކުރުފާނު މަގާ އަމީނީ މަގު ދިމާވާ ހިސާބުން ފެށިގެން ސްޓެލްކޯ އާ ހަމައަށެވެ.
ހަތަރުވަނަ ސެގްމަންޓުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ ސެގްމަންޓުގެ މައިގަނޑު ބޮޑެތި މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އާރުޑީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ފަސްވަނަ ސެގްމަންޓު ހެދުމުގެ މަސައްކަތް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތް ކުރުމަށް ކޮއިމަލާ ހިނގުން ބަންދު ކުރާނެއެވެ. ނަމަވެސް އެއީ ބަސް ދަތުރު ކުރާ މަގަކަށްވާތީ ރޫޓު ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ޕްލޭނިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކޮއިމަލާ ހިނގުމުގެ ބަސްރޫޓު އައިމިނަރަނި ހިނގުމަށް ބަދަލު ކުރުމުގެ ގޮތުން އެ މަގުގައި ހުރި އަޑިގުޑަން ފިލުވައި ލެވެލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އަމީނީމަގު ސެގްމަންޓް 5ގައި މަސައްކަތް ކުރިއަށްދާނީ އަމީނީމަގާއި ކޮއިމަލާ ހިނގުމާއި ގުޅޭ ހިސާބުން ފެށިގެން ރެހެންދި ހިނގުމާއި ހަމައަށެވެ.
ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަޔް ނިމޭނެ ކަމަށް މިހާރު ލަފާ ކުރެވޭނީ ސެޕްޓެމްބަރުމަހުގައެވެ.
މި މަޝްރޫއުގެ ދަށުން، އަމީނީމަގުގެ 1.7 ކިލޯމީޓަރުގެ ސަރަަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.