Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 09:43
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ގޫގުލް
އެމްއެމްޕީއާރްސީ ޚިޔާނާތް
ދެ މަސް ފާއިތުވީ، އެމްއެމްޕީއާރްސީ މައްސަލަ ދައުވާކުރަން ފޮނުވުމުގެ މަރުހަލާ ނުނިމޭ!
ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފެށިތާ ދެ މަސް ދުވަސް
ތަހުގީގު ރިޕޯޓް އާންމުކުރާނީ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ފަހު
މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ޚިޔާނާތް

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލައިގެ ތަހުގީގު ނިންމައި، ދައުވާކުރުމަށް ފޮނުވުމުގެ މަރުހަލާ ފެށުނުތާ ދެ މަސް ދުވަސް ވީއިރު ވެސް، އެ މަރުހަލާ ނިމިފައިނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ބުނެފި އެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ދައުލަތަށް ވަންނަންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓްރިޕޯޓުންނެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށްލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަ ކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.

މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލެވިއްޖެ ކަމަށް އޭސީސީން ބުނެފައިވަނީ ތަހުގީގު ކުރަން ފެށިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އޭޕްރީލް 30 ވަނަ ދުވަހު އެވެ. އެ ދުވަހު އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު  ވިދާޅުވީ މިހާރު އެ މައްސަލަ ވަނީ ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ މަރުހަލާގެ ތެރޭގައި ކަމަށެވެ. 

އޭސީސީ އިން ކުރިއަށް ގެންދާ ކޮންމެ ތަހުގީގެއް ނިމުމުން އެ މައްސަލައިގައި ދައުވާ ކުރުމަށް އެ މައްސަލައެއް ޕީޖީއަށް ފޮނުވުމުގެ ކުރިން އޭސީސީއާ ޕީޖީ އޮފީހުގެ ވަކީލުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން ފެށިތާ ދެ މަސް ދުވަސް ވެފައިވާއިރު، މައްސަލަ މިހާރު އޮތް ހިސާބާ ގުޅޭ ގޮތުން ސުވާލުކުރުމުން، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު ވެސް އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގަ އެވެ.

ޑިޔުޓީ ޕްރޮސިކިޔުޝަން މަރުހަލާ ލަސްވަމުންދާ ސަބަބާ ގުޅޭ ގޮތުން މެއި މަހުގެ 15 ވަނަ ދުވަހު  އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ވަރަށް ބޮޑު ތަހުގީގެއް ކަމަށާއި އެހެން ކަމުން ކަރުދާހުގައިވާ މައުލޫމާތުތަކުގެ އިތުރަށް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ޕީޖީ އޮފީހަށް އޭސީސީ އިން ހިއްސާ ކުރާ ކަމަށެވެ. އަދި އޭގެ ސަބަބުން ޕީޖީ އޮފީހަށް މައްސަލައިގެ ތެރެއަށް ވަނުމަށް ފަސޭހަވެގެންދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ

އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ޚުލާސާ ރިޕޯޓް ނެރޭނީ މައްސަލަ ޝަރީއަތަށް ފޮނުވުމަށް ފަހުގަ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް ނުނެރެ ގިނަ ދުވަސްތަކެއް ފާއިތުވެފައި ވާތީ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، އޭސީސީން ބުނަމުންދަނީ ތަހުގީގު ދިގުދެމިގެން ދިޔައީ، މިދިޔަ އަހަރު އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރެޑައިސް" ޑޮކިއުމެންޓްރީއާއި އޭގެ ފަހުން ހާމަވި ކަންތައްތަކާއެކު އިތުރަށް ތަހުގީގުތައް ކުރަން ޖެހުމުން ކަމަށެވެ. ނަމަވެސް، އެކިފަރާތްތަކުން ތުހުމަތު ކުރަމުންދާ ގޮތުގައި ރިޕޯޓް ލަސްވަނީ އޭސީސީގެ މައްޗަށް ހުރި ނުފޫޒުތަކެއްގެ ސަބަބުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް