ސޭޝެލްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ކްލޯޑް މޮރެލް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައް ފަހު ސޭޝެލްސްގެ ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެފައެވެ. މި ރަސްމިއްޔާތައް ފަހު ބޭއްވެވި ކުރު ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސޭޝެލްސްގެ ސަފީރު ވަނީ ތަފާތު މައުޟޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މަސްތުވާތަކެއްޗާ ދެކޮޅަށް އެއްބާރުލުން ދިނުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސޭޝެލްސްގެ ސަފީރު މޮރެލް ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ދުވަސްވަރު ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފް ކުރެއްވިއެވެ. އަދި މޫސުމާ ގުޅުންހުރި ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރާއި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އޭ.އޯ.އެސް.އައި.އެސް) ގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ މުހިންމު ދައުރާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސޭޝެލްސްގެ ސަފީރު ވަނީ، 2019 ވަނަ އަހަރު ސޭޝެލްސްއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވާ އެކަަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއްކަމަށާއި، އެ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ސޭޝެލްސްގެ ސަފީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ދައުރުގައި ދިވެހިރާއްޖެއާއި ސޭޝެލްސްގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.