ރާއްޖޭގެ އަންހެން ވޮލީ އެހެން ހަރުފަތަކަށް އައިސްފިކަމަށާއި, ރަން މެޑަލް އޮތީ ދާދި ގާތުގައިކަމަށް ޓީމްގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު ބުނެފިއެވެ.
މޮޅަށް ކުޅެ, ވާދަވަރި ކުޅުމަކަށްފަހު ފޯ ނޭޝަންސް ކަޕް ފައިނަލްގައި ސިންގަޕޫރު އަތުން ބަލިވި މެޗަށްފަހު ސެޓަރު ޖޫޒާން ބުނީ މިދިޔަ މުއްދަތުގައި ޕްރެކްޓިސްތަކުގައި ގޭމް ބަދަލުކުރަން ކުރި މަސައްކަތް ޓީމުން ވަރަށް ރަނގަޅަށް ދައްކުވައިދީފިކަމަށެވެ. އަންހެން ވޮލީ އެހެން ހަރުފަތަކަށް އައިސްފައި އޮތްކަން ސަޕޯޓަރުންނަށްވެސް ފެންނާނެކަމަށާއި, އެކަން ސަޕޯޓަރުން ބަލައިގަންނާނެކަމަށް އުއްމީދުކުރާކަމަށް މުޅި މުބާރާތުގައިވެސް މޮޅަށް ކުޅުނު ސެޓަރު ބުންޏެވެ. މީގެއިތުރުން ޖޫޒާން ފާހަގަކުރީ ދިވެހި ސަޕޯޓަރުންގެ ފަރާތުން މީގެކުރިން ލިބިފައިނުވާ ސަޕޯޓެވެ.
މިހާރު ވޮލީކުޅޭތާ އަށް އަހަރު ނުވައަހަރު މިވީ. އަޅުގަނޑުގެ ހަޔާތުގައިވެސް މިވަރުގެ ބޮޑު ކްރައުޑެއްގެ ތެރޭގައި އަދި ދުވަހަކުވެސް އަޅުގަނޑެއް ނުއެއް ކުޅެން. ދިވެހިރާއްޖޭގެ ސަޕޯޓަރުންނަށްވެސް ފެނިގެންދާނެ އަސްލު އަންހެން ޓީމްގެ ތަފާތު.ފާތިމަތު ޖޫޒާން ޒަރީރު- ޤައުމީ އަންހެން ވޮލީ ޓީމްގެ ސެޓަރު
ޖޫޒާން ބުނީ ގައުމެއް ބަލިކުރުމަކީ ފަސޭހަކަމެއްނޫން ކަމަށާއި, ނަމަވެސް އަންހެން ޓީމުން ކުރި މަސައްކަތް ރާއްޖޭގެ ރައްޔިތުން ބަލައިގަންނާނެކަމަށް އުއްމީދުކުރާކަމަށެވެ. މެޗުން އެވަރުގެ މޮޅު ހިތްވަރުގަދަ ކުޅުމެއް ފެނުނީ ވަރަށް މަސައްކަތްކޮށްގެންކަން ފާހަގަކޮށް ޖޫޒާން ބުނީ އިރާދަކުރެއްވިއްޔާ ދެން ކުރިއަށް އޮތް މުބާރާތުގައި މިއަށްވުރެވެސް ރަނގަޅު ކުޅުމެއް ޓީމްގެ ފަރާތުން ފެނިގެންދާނެ ކަމަށެވެ.
ފުރަތަމަ ދެ ސެޓް ގެއްލިފައިވަނިކޮށްވެސް އެނބުރި ގޭމްގެ ތެރެއަށް އައުމަށް ހިތްވަރަކަށްވީ ކޮންމެ ބޯޅައަކަށްވެސް ފައިޓްކުރުންކަން ޖޫޒާން ފާހަގަ ކުރިއެވެ. އަދި ޕްރެކްޓިސްގައިވެސް %120 ދީގެން މަސައްކަތްކުރުމުން އެކަން މެޗުންވެސް ފެނުނުކަމަށް އޭނާ ބުންޏެވެ.
ކޯޗު ބުނެފަ އިންނާނެ ސައުވީސް އެކެއް އޮތަސް ދޫނުކުރާށޭ, ކޮންމެ ބޯޅައަކަށް ފައިޓްކުރާށޭ. އެއީކަންނޭންގެ އަޅުގަނޑުމެން ޕްރެކްޓިސްގައިވެސް ތައިލެންޑް ކޭމްޕްގައިވެސް ފައިޓްނުކޮށް އެއްވެސް ބޯޅައެއް އަޅުގަނޑުމެން ދޫކޮށެއް ނުލަން. ޕްރެކްޓިސްގައިވެސް 120 ޕަސަންޓް ޖައްސާފަ ހުރީމަ މެޗުގައިވެސް އޭތި ޖެއްސުނީ.ފާތިމަތު ޖޫޒާން ޒަރީރު- ޤައުމީ އަންހެން ވޮލީ ޓީމްގެ ސެޓަރު
ފައިނަލްގައި ރާއްޖޭގެ އަންހެން ޓީމް ވާދަވެރި މޮޅު ކުޅުމަކަށްފަހު ބަލިވީ 3-2 ސެޓުންނެވެ. ޗެމްޕިއަންކަން ހޯދީ ސިންގަޕޫރެވެ.