ފީފާ އިން ހޮވާ އަހަރުގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ ފްރާންސްގެ ޕެރިހުގައި ކުރިއަށް ދިޔަ އެވޯޑު ޙަފްލާގައި މެސީ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ކަރީމް ބެންޒެމާއާ ވާދަކޮށެވެ.
މެސީ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. ފައިނަލްގައި ފްރާންސް ބަލިކޮށް އާޖެންޓީނާ އިން ވޯލްޑް ކަޕް އުފުލާލީ 36 އަހަރަށް ފަހު އެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު މެސީގެ ދައުރު ވަރަށް ބޮޑެވެ. މުބާރާތުގައި އޭނާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ މެސީ އެވެ. މިއީ މެސީ މި އެވޯޑު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މިއާ އެކު މެސީ ވެގެން ގޮސްފައިވަނީ އެއް ކުޅުންތެރިޔަކު ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މެސީ ވަނީ މި އެވޯޑުގެ ގަދަ ތިނެއްގައި ހަ އަހަރު ހިމެނިފަ އެވެ. އެއީ 2016، 2017، 2020، އަދި 2021 އެވެ. މެސީ މި އެވޯޑު ކާމިޔާބު ކުރީ މިއަހަރުގެ އިތުރުން 2019 ވަނަ އަހަރު އެވެ.
މީގެ އިތުރުން އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ، ބާސެލޯނާ އަށް ކުޅެމުން އަންނަ އެލެކްސިއާ ޕުޓޭޔާސް އެވެ. މިއީ ޕުޓޭޔާސް މި އެވޯޑު ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު ވެސް އޭނާ ވަނީ މި އެވޯޑު ކާމިޔާބުކޮށްފަ އެވެ. ޕުޓޭޔާސްއާއެކު އެވޯޑަށް ވާދަކޮށްފައި ވަނީ އިންގްލެންޑުގެ ބެތް މީޑް އާއި، އެމެރިކާގެ އެލެކްސް މޯގަން އެވެ.