މިއުޒިކް ދުނިޔޭގައި ލެޖެންޑުން ކަމަށްވާ ފަންނާނުންތަކެއްގެ ފޮޓޯއާ އެކު ކެންޑަލް އާއި ކައިލީ ޖެނަރގެ ފޮޓޯ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޓީޝާޓްތަކަކާ ގުޅިގެން ދެ ބެއިން ހޫނުފެނަށް ވެއްޓިއްޖެއެވެ.
ކެންޑަލް+ކައިލީ ބްރޭންޑްގެ މި ޓީޝާޓްތަކުގައި މަޝްހޫރު ރޮކް ބޭންޑްތަކާއި ރެޕް އާޓިސްޓްތައް ބޭނުންކޮށްފައިވާ އިރު، މިއިން ޓީޝާޓެއްގެ އަގަކީ 125 ޑޮލަރެވެ.
މި ވިންޓޭޖް ޓީޝާޓްގެ ޑިޒައިންގައި ދަ ޑޯޒް، އޮޒީ އޮޒްބީން، ޓޫޕަކް އައި ނޮޓޯރިއަސް ބީއައިޖީ ފަދަ މީހުންގެ ފޮޓޯތައް ބޭނުންކޮށްފައި ވެއެވެ.
ޓީޝާޓްތައް ބާޒާރަށް ނެރުމާ އެކު އޮޒްބޯންގެ އަންހެނުން ޝެރޮން އާއި ދަރިފުޅު ކެލީ ވަނީ ކެންޑަލް އާއި ކައިލީއަށް ފާޑުކިޔާފައެވެ.
އެގޮތުން ސޯޝަލް މީޑިއާ ބޭނުންކޮށް ޝެރޮން ބުނެފައި ވަނީ "ކުދިންނޭ، ތި ފަދަ މިއުޒިކަލް އައިކަންސްއާ އެކު ތިހެން ފޮޓޯ ބޭނުންކުރުމުގެ ހައްގެއް އަދި ނުލިބޭ"ކަމަށެވެ.
Girls, you haven’t earned the right to put your face with musical icons. Stick to what you know…lip gloss. pic.twitter.com/BhmuUVrDBn
— Sharon Osbourne (@MrsSOsbourne) June 29, 2017
ޑްރައިވް-ބައި ޝޫޓިންގއެއްގައި 1997 ވަނަ އަހަރު މަރާލާފައިވާ ނޮޓޯރިއަސް ބީއައިޖީ ނުވަތަ ކްރިސްޓޮފަރ ވޮލެސްގެ މަަންމަ ވޮލެޓާ ވެސް ވަނީ ކެންޑަލް އާއި ކައިލީއަށް ފާޑުކިޔާފައެވެ.
"މިކަން ކުރަން އެމީހުންނަށް ހައްގު ލިބިގެންވާ ކަމަށް ކެންޑަލް އާއި ކައިލީ ކައިރީ ބުނި މީހެެއް ނޭނގޭ" ކަމަށެވެ. އަދި އެކަންތައް ކުރުމުގެ އާއިލާގެ އެއްވެސް ފަރާތަކާ ވާހަކަ ދައްކާފައި ނުވާކަން ފާހަގަކޮށް ވޮލެޓާ ބުނީ، "މި ކުދިންގެ ގަދަރު ކުޑަ ކަމާ މެދު ބުނާނެ އެއްޗެއް ނޭނގޭ" ކަމަށެވެ.
"ޓޫޕަކް އާއި އަހަރެންގެ ދަރިފުޅު ކްރިސްޓޮފަރގެ މަރު ބޭނުންކޮށްގެން އެމީހުންނަށް މިގޮތަށް ފައިދާ ނެގޭނެ ކަމަށް ދެކުނީ ކީއްވެ ކަމެއް އެއްގޮތަކަށް ވެސް ނޭނގޭ" ކަން ފާހަގަކުރަމުން ވޮލެޓާ ބުނީ ޓީޝާޓްތަކުން ދައްކަނީ އަމިއްލަ ފައިދާއަށް އެއްޗެހި ބޭނުންކުރުމުގައި މީހަކު ހައްދުފަހަނަ އަޅާ ދާނެ މިންވަރުކަމަށެވެ.
ކިންގް އޮފް ޕޮޕް، މައިކަލް ޖެކްސަންގެ ދަރިފުޅު ޕެރިސް ވެސް ވަނީ ކެންޑަލް އާއި ކައިލާއަށް ފާޑު ކިޔާފައެވެ.
މިއުޒިކް ލެޖެންޑުން "ފެޝަން" ބްރޭންޑްތަކަށް ހަދަން މަސައްކަތް ކުރަނީ ކަމަށް ދެބެއިންނަށް ތުހުމަތުކުރަމުން ޕެރިސް ބުނީ "ޕިންކް ފްލޮއިޑްއަކީ ޗެނަލްއެއް ނޫން، ލެޑް ޒެޕްލިންއަކީ މައިކަލް ކޯރސް އެއް ނޫން، މެޓާލިކާއަކީ ޖިވާންޗީއެއް ނޫން"ކަމަށާއި، އެ މީހުނަށް އިޚްތިރާމް ކުރަން ޖެހޭ ކަމަށެވެ.
pink floyd is not chanel. led zeppelin is not michael kors. metallica is not givenchy. don't get it twisted. #bandsnotbrands #RESPECTMUSIC
— Paris-Michael K. J. (@ParisJackson) June 29, 2017
ފާޑު ކިޔުންތަކާ ގުޅިގެން ކެންޑަލް އާއި ކައިލީ މިހާރު ވަނީ ބަޔާނެއް އާންމުކޮށްފައެވެ.
ޑިޒައިންތަކަކީ އެހާ ރަނގަޅަށް ވިސްނައިގެން ކޮށްފައިވާ ކަމެއް ނޫން ކަަމަށް އެއްބަސްވަމުން ދެބެއިން ވަނީ ޓީޝާޓްތަކުގައި ބޭނުންކޮށްފައިވާ ފަންނާނުންގެ އާއިލާތަކުގެ ކިބައިން މާފަށް އެދިފައެވެ. އަދި މިހާރު ޓީޝާޓްތައް ބާޒާރުން ނަގާފައިވާނެ ކަމަށް ކެންޑަލް ބުނެފައި ވެއެވެ.
"ކުރެވުނު ކުށަކީ އުނގެނުމުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރާނަން. ވަރަށް ބޮޑަށް މާފަށް އެދެން،" 21 އަހަރުގެ ކެންޑަލް އާއި 19 އަހަރުގެ ކައިލީ ބުންޏެވެ.
— Kendall (@KendallJenner) June 29, 2017