ކ. މާލެ
|
27 ފެބްރުއަރީ 2023 | ހޯމަ 08:50
ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގެ ކާރިޘާއަށް ފަހު، އަލް-ދަނާގެ ހޮސްޕިޓަލު އޮތީ ފަޅަށް
ތުރުކީ-ސޫރިޔާ ބިންހެލުން
ހަނގުރާމައަށް ވުރެ ބިންހެލުމުގެ ތަކުލީފު ބޮޑު: ސޫރިޔާގެ ނަރުސް
ސޫރިޔާގެ ނަރުހެއް ބުނި ގޮތުގައި ބިންހެލުމަކީ އެމީހުން ތަޖުރިބާކުރި އެންމެ ބޮޑު ތަކުލީފު، އައިސީޔޫގެ ހުރިހާ އެއްޗެއް ހަލާކުވި، އޮކްސިޖަންއެއް ނުދެވުނު
ބިންހެލުމުގައި ސޫރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު 5000 އާ ގާތް ކުރޭ
2019 ވަނަ އަހަރު، ސިއްހީ ޚިދުމަތް ދެމުން ދިޔަ 60 ފެސިލިޓީއަކަށް ވަނީ ހަމަލާ ދީފައި

އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ހަނގުރާމާގައި އަނިޔާ ލިބޭ މީހުންނަށް ފަރުވާ ދިނުމުގެ އެންމެ ކުރީ ސަފުގައި، ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެކަކީ އިބްރާހީމް ޒައިދާންއެވެ. ހަނގުރާމައިގެ ކުރިމަތިލުންތައް އެންމެ ގަދަވެގެންދިޔަ ދުވަސްވަރު، ޚުދު އޭނާއަށްވެސް ވަނީ ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ބޮމާއި ބަޑީގެ ހަމަލާތައް ހޮސްޕިޓަލަށް އަމާޒުވެ، ގާކުނޑިތަކުގެ ތެރޭގައި ޒައިދާންއަށްވެސް ތާށިވެފައި އޮންނަ ޖެހުނެއެވެ.

އެއީ މާޒީއެވެ. މިއަދު ޒައިދާންއަށް ކުރިމަތިލާން ޖެހިފައި ވަނީ އެއަށްވުރެ ބޮޑު ތަކުލީފަކާއެވެ. ސޫރިޔާއާއި ތުރުކީވިލާތް ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް، ފެބުރުއަރީ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފުތަކަކީ، ހަނގުރާމައިގެ ތެރޭގައި އުފުލަން ޖެހުނު ތަކުލީފުތަކަށްވުރެ ވޭން ބޮޑު ތަކުލީފުތަކެއް ކަމަށް ޒައިދާން ބުނެއެވެ. އެތައް އަހަރަކަށް ދިގުލާ ދިޔަ ހަނގުރާމައިގެ ސަބަބުން، ސިއްހީ ނިޒާމު އިނދަޖެހިފައި ވަނިކޮށް، ކޮވިޑްގެ ބަލިމަޑުކަމުގައި އުފުލި ވޭނުން ސަލާމަތް ނުވެވެނީސް، ބާރުގަދަ ބިންހެލުމުގައި، ދިރިއުޅުން އެފުށް މިފުށަށް ޖެހުނީއެވެ. އެންމެ ދަތި ހާލުގައި އުޅެމުން ދަނީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލްގެ ދަށުގައި ވާ ސަރަޙައްދުތަކުގެ ރައްޔިތުންނެވެ.

ޒައިދާން މަސައްކަތް ކުރަމުން ދަނީ އަލް-ދަނާ އަވަށުގައެވެ. ބިންހެލުން އައި ރޭ، އެ ހޮސްޕިޓަލުގައި ތިބި ތުއްތު ކުދިން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުރީ ޒައިދާންއެވެ. ބިންހެލުން އައި ވަގުތު، ހޮސްޕިޓަލު ތެރެއަށް އަރަމުން ދިޔަ ލޮޅުންތައް ބަލާލި ކޮންމެ މީހެއްގެ ހިތް، ފަޅައިގެން ދާ ވަރުވެއެވެ.

އަލް-ދަނާ ހޮސްޕިޓަލުގެ މަސައްކަތްތައް މިވަގުތު މިއޮތީ ބިންހެލުމާ ގުޅިގެން މެދުކަނޑާލާފަ. ފާރުތަކުގަ ހުރީ ރެނދުލާފަ. ބައެއް ތަންތަނުގަ ސީލިންގްތައްވެސް އެބަ ވެއްޓޭ. ނުރައްކާ ބޮޑު ކަމުން، އަލް-ދަނާ ހޮސްޕިޓަލުގަ ނެތް މަސައްކަތް ކުރެވޭކަށް. މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލު މަރާމާތު ކުރުމުގެ މަސައްކަތް.
އައިމަން އަލް ޙުސައިން؛ މެޑިކަލް ކޯޑިނޭޓަރ

ޢުމުރުން 33 އަހަރުގެ ނަރުސް ކިޔައިދިން ގޮތުގައި އޮކްސިޖަން ގުޅާފައި ތިބި ކުއްދިންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. ހޮސްޕިޓަލުތައް ފުރިފައި އޮތުމުން އެހެން ޖާގައެއް އެކުދިންނަކަށް ނުލިބުނެވެ. ނަމަވެސް ޒައިދާންގެ ޓީމުން ވަނީ، އައިސީޔޫގައި ތިބި ތުއްތު ކުދިން، ކާރަށް އަރުވައިގެން އެހެން ހޮސްޕިޓަލުތަކަށް އުފުލާފައެވެ.

ބިންހެލުމުގެ ފަހުން ޒައިދާން މަސައްކަތް ކުރަމުން ދަނީ އަލް-ޤާހްގެ ހޮސްޕިޓަލެއްގައެވެ. އެތަނުގައި ހުރެ، ޒައިދާން ވަނީ އޭނާއަށް ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ.

ބިންހެލުމަކީ އަހަރަމެން ތަޖުރިބާކުރި އެންމެ ބޮޑު ތަކުލީފު. އައިސީޔޫގެ ހުރިހާ އެއްޗެއް ހަލާކުވި. އަހަރަމެންނަކީ ކުޑަކުދިންނަށް ފަރުވާ ދޭ ބައެއް. އެހެންވެ، ކަރަންޓާ އޮކްސިޖަންއަކީ ކޮންމެހެން ހުންނަންޖެހޭ އެއްޗިހި. އޮކްސިޖަން ގުޅާފަވެސް ކުދިން ތިބި. އެ ކުދިންނަށް އޮކްސިޖަންއެއް ނުދެވުނު. ނުވިތާކަށް އެހެން ހޮސްޕިޓަލެއްވެސް ހޯދާ ނުދެވުނު. ހުރިހާ ތަނެއް ފުރިފަ. ބިންހެލުމަކީ ހަމަ އަހަރަމެން ތަޖުރިބާ ކުރި އެންމެ ދަތި އުނދަގޫ ތަކުލީފު.
އިބްރާހީމް ޒައިދާން: ސޫރިޔާގެ ނަރުހެއް

އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބިންހެލުމުގައި ސޫރިޔާގެ ހުޅަނގު އުތުރު ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު 5000 އާ ގާތް ކުރެއެވެ. ޒަޚަމްވީ މީހުންގެ ޢަދަދު 8300 އަށް ވުރެ މައްޗެވެ.

ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ހަނގުރާމައަކަށް ބަދަލުވެ، އޭގެ ފަހުން ބަދަލު ކުރަމުން ދިޔަ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސަރަޙައްދަކީވެސް ހުޅަނގު އުތުރުގެ ސަރަޙައްދެވެ. ހުޅަނގު ދެކުނުގެ އިދްލީބް ޕްރޮވިންސަށް ބަލާއިރު، 2019 ވަނަ އަހަރު، ސިއްހީ ޚިދުމަތް ދެމުން ދިޔަ 60 ފެސިލިޓީއަކަށް ވަނީ ހަމަލާ ދީފައެވެ. އެއީ އެންމެ 6 މަސްދުވަހުގެ ތަފާސް ހިސާބެވެ. ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަމަލާ ދެނީ ގަސްތުގައި ކަމަށްވެސް ބުނެވެއެވެ. ހަމަލާތައް އަމާޒު ކުރަނީ އަސަދަށް ވާގިދޭ ފައުޖުތަކުންނެވެ.

ޒައިދާން މީގެ ކުރިން މަސައްކަތް ކުރި ހިސްޕިޓަލް ހުންނަނީ ހޮހަޅައެއްގެ ތެރޭގައެވެ. އެއީވެސް ތަކުރާރުކޮށް ހަމަލާ އަމާޒުވި ތަނެކެވެ. ނަމަވެސް ހޮސްޕިޓަލު ފަދަ، އާންމު ރައްޔިތުން ބޭނުން ކުރަނީ މަދަނީ ތަންތަނަށް ހަމަލާ ދޭ ކަމަށް ދެކެވޭ ވާހަކަތަކަކީ، އަސަދުގެ ސަރުކާރުން ދޮގެއް ކަމަށް ބުނާ ވާހަކަތަކެކެވެ.

އަލް-ދަނާ ހޮސްޕިޓަލަކީ، ހަނގުރާމައިގެ ތެރޭގައި ސުންނާފަތި ކޮށްލި އެހެން ހޮސްޕިޓަލެއް ހުރި ތަނުގައި ތަރައްޤީ ކުރި އާ ހޮސްޕިޓަލެކެވެ. ހޮސްޕިޓަލުގައި ބޭނުންކުރަމުންދިޔަ އާލާތްތަކާ މުވައްޒަފުންނަކީ، ސަރުކާރުން ހަމަލާ ދީ ސުންނާފަތިކޮށްލި އެހެން ހޮސްޕިޓަލެއްގެ ތަކެއްޗާ މުވައްޒަފުންނެވެ.

ފެބުރުއަރީ 6 ވަނަ ދުވަހުގެ ބިންހެލުމުގެ ކާރިޘާއަށް ފަހު، އަލް-ދަނާގެ ހޮސްޕިޓަލު އޮތީ ފަޅަށެވެ. އެއީ ރައްކާތެރި ތަނެއް ނޫން ކަމަށާ، މަސައްކަތް ކުރެވޭނެ އެއްވެސް ފަދައެއް އެތަނުގައި ނެތް ކަމަށް ބުނާ އިންޒާރުގެ ނޯޓިސް، ހޮސްޕިޓަލަށް ވަދެވެން އޮންނަ ދޮޜޯށީގައި ޖަހާފައިވެއެވެ.

މެޑިކަލް ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އައިމަން އަލް ޙުސައިން ވިދާޅުވި ގޮތުގައި ބިންހެލުމުގެ ކާރިޘާއާ ހިސާބަށް، 6 ލައްކައެއްހާ މީހުންގެ އާބާދީ އޮތް އެ ސަރަޙައްދަށް ޚިދުމަތް ދެމުން ދިޔަ ހޮސްޕިޓަލަކީ އެއީއެވެ. މަހެއްގެ މައްޗަށް 750 އެއްހާ ކުދިން، އެ ހޮސްޕިޓަލަށް އުފަންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް