ޖަރުމަނު ލީގުގައި ޔޫނިއަން ބާލިން ބަލިކޮށް ބަޔާން މިއުނިކް އަލުން އެއް ވަނަ އަށް ޖެހިލި މެޗުގައި، އަނިޔާާ އަށް ފަހު ސަޑިއޯ މާނޭ ކުޅެފި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އަނިޔާވި މާނޭ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ. އަނިޔާ އަށް ފަހު މިއަހަރުގެ ކުރީކޮޅު އޭނާ ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވާ ފެށި އިިރު، ބާލިންގެ މެޗުގައި މާނޭ ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗު ފަށައިގެން 31 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާނަށް ލީޑު ނަގައިދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗުޕޯ މޯޓިން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. އެއީ 40 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯމަން ޖެހި ލަނޑާއި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަމާލް މުސިއާލާ ޖެހި ލަނޑުންނެވެ. އެ ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ މުލާ އެވެ.
މެޗުން މޮޅުވެ ބަޔާން އެއް ވަނައިގައި އޮތީ ފައިދާ ލަނޑުންނެވެ. ކުޅުނު 22 މެޗުން އެ ޓީމަށް ލިބެނީ 46 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވެސް ލިބެނީ 46 ޕޮއިންޓެވެ. ބަޔާން އަތުން ބަލިވި ބާލިން އޮތީ 43 ޕޮއިންޓާއެކު ތިން ވަނައިގަ އެވެ.