އަގުބޮޑު ކުޅުންތެރިންތަކެއް ތިބި ޗެލްސީ އެންމެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. މިކަމާ ސަޕޯޓަރުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. އެމީހުން އެދެނީ ކޯޗުކަމުގައި ހުރި ގްރެހަމް ޕޮޓާ ވަކިކުރުމަށެވެ. އެއަށްފަހު އާ ކޯޗެއް ގެންނާށެވެ. ނަމަވެސް ޗެލްސީގެ މެނޭޖްމަންޓުން ދަނީ ކޯޗަށް ފުރިހަމަ އިތުބާރު ދެމުންނެވެ.
އެކަމަކު ޓޮޓެންހަމް އަތުން ރޭ 2-0އިން ބަލިވުމާއެކު ކޯޗު ވަނީ އޭނާ މަގާމުން ވަކިކޮށްފާނެކަން ފާޑަކަށް ގަބޫލުކޮށްފަ އެވެ. މެޗަށް ފަހު ޕޮޓާ ބުނީ "ނަތީޖާ ގޯސްވުމުން ޕްރެޝަރު ބޮޑުވާނެ،" ކަމަށެވެ.
ނަތީޖާ ރަނގަޅު ނުވާނަމަ ހުރިހާ ކަމެއް ވެސް ގޯސްވާނެ. އަހަރެންނަށް އެނގޭ މެނޭޖްމަންޓުން އަހަރެންނަށް ފުރުސަތުދެމުންދާކަން. އެކަމަކު އަބަދު އެކަމެއްވެސް ނުވާނެ ނަތީޖާ ނުނެރެވޭނަމަ. އެ ހަގީގަތް ގަބޫލުކުރަން. ނަމަވެސް މިއީ އެކުގައި ކުރިއަށްދާންވީ ވަގުތު ކަމަށް އަހަރެން ގަބޫލުކުރަން. ނަމަވެސް ޕްރެޝަރު ވެސް ވަރަށް ބޮޑުވެއްޖެޗެލްސީގެ ކޯޗު ގްރެހަމް ޕޮޓާ
ޗެލްސީ މިވަގުތު އޮތީ 31 ޕޮއިންޓާއެކު 10 ވަނާގަ އެވެ. މިއީ އެއްވަނާގައިވާ އާސެނަލް އަށްވުރެ 26 ޕޮއިންޓް މަދު އަދަދެކެވެ. އަދި ހަތަރުވަނާގައިވާ ޓޮޓެންހަމަށްވުރެ 14 ޕޮއިންޓް މަދު އަދަދެކެވެ. ބާކީ ސީޒަނުގައި އޮތީ 14 މެޗު ކަމުން އަންނަ ސީޒަނުގައި ޗެލްސީގެ އަގުބޮޑު ސްކޮޑަށް ޔޫރަޕުގެ މުބާރާތަކުން ފުރުސަތު ލިބުން ވަނީ ދުރުކަމަކަށްވެފަ އެވެ.
ނަމަވެސް އެކަމާ ފަރުވާލެއްނެތި ޕޮޓާ މިސާލަކަށް ދެއްކީ އެއްވަނާގައިވާ އާސެނަލްގެ ޓީމެވެ. އޭނާ ބުނީ އާސެނަލް މިހާރު އެއްވަނާގައި އޮތީ މިދިޔަ ތިން އަހަރު ކޯޗު މިކޭލް އާޓެޓާ އަށް ޓީމެއް ބިނާ ކުރުމަށް ފުރުސަތު ދިނުމުން ކަމަށެވެ.
ބަލިވާއިރަށް، ޓޭބަލުގެ ފަހަތަށްދާ ވަރަކަށް އެއިރު ވެސް ގޮވާ ކޯޗު ވަކިކުރަން. އެކަމަކު މިހާރު އާޓެޓާ އެވަނީ ވަރަށް ރަނގަޅު ޓީމެއް ބިނާކޮށްފައި. އެއީ ތިން އަހަރުގެ މަސައްކަތް. މިހެންވީމާ އަހަރެން ގަބޫލެއް ނުކުރަން މަގާމުން ވަކިކުރަން ސަޕޯޓަރުން އެގޮވަނީ ހެޔޮނިޔަތުގައި ކަމަށް. އެކަމަކު ވެސް ބަލިވާނަމަ އެމީހުންގެ މާޔޫސްކަން ބޮޑުވާނެޗެލްސީގެ ކޯޗު ގްރެހަމް ޕޮޓާ
އޭނާ އަދި ބުނީ ފާއިތުވެދިޔަ ދެ ތިން ސީޒަނެއްގައި ދުނިޔޭގެ ހުރިހާ ތައްޓެއްނެގި ލިވަޕޫލްގެ ކޯޗު ވެސް ދަނީ ނަތީޖާ ގޯސްވުމުން އުނދަގޫ ދުވަސްތަކެއް ވޭތުކުރަމުން ކަމަށެވެ.
ކޯޗު ޔާގެން ކްލޮޕަށް ބަލާއިރު އޭނާ ވެސް މިހާރު އެގުނަނީއުނދަގޫ ދުވަސްތަކެއް. އެކަމަކު އޭނާ ވަނީ ރަނގަޅު ޓީމެއް ބިނާކޮށްފައި. މިވަގުތު ނަތީޖާ ގޯސްވާއިރަށް ސަޕޯޓަރުން ހިތްހަމަނުޖެހިދާނެ. އޭނާ މަގާމުން ވަކިކުރުމަކީ ހައްލެއްނޫންޗެލްސީގެ ކޯޗު ގްރެހަމް ޕޮޓާ