ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 08:44
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ ތެރެއިން
ހޭންޑް ބޯލް މޯލްޑިވްސް
އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް
15 އަހަރުން ދަށުގެ ސެމީ ފައިނަލްގައި ފ.އަތޮޅު މަދަރުސާ، ޣާޒީ، އަޙުމަދިއްޔާ އަދި ކަލާފާނު
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގައި ވާދަ ކުރާ ހަތަރު ޓީމު ޔަޤީންވެއްޖެ އެވެ.

ހޮނިހިރު ދުވަހު ކުޅުނު ކުއާޓާ ފައިނަލްގެ މެޗުތަކަށްފަހު، ސެމީ ފައިނަލުން ޖާގަ ހޯދީ ފ.އަތޮޅު މަދަރުސާ (ފ.ފީއަލީ)، ޣާޒީ ސްކޫލް، އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ކަލާފާނު ސްކޫލް އެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ރޭ އެވެ. ފުރަތަމަ ސެމީ ގައި ފ.އަތޮޅު މަދަރުސާ ކުޅޭނީ ޣާޒީ ސްކޫލާ ދެކޮޅަށެވެ. ފަހު ސެމީ ގައި އަޙުމަދިއްޔާ ކުޅޭނީ ކަލާފާނާ ދެކޮޅަށެވެ.

ފުރަތަމަ ކުއާޓާ ފައިނަލްގައި ޣާޒީ ސްކޫލް ވަނީ ގުރައިދޫ ސްކޫލް ބަލިކޮށްފަ އެވެ. ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނުނު މެޗުން ޣާޒީ މޮޅުވީ މެޗުގެ ފަހު ވަގުތުގެ ތެރޭގައި ޖެހި ލަނޑުންނެވެ. ގުރައިދޫގެ މައްޗަށް ޣާޒީން ކުރި ހޯދީ، 11-10 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޣާޒީގެ ރުތު އިސްމާއީލް ފަޒީން އެވެ. ދެ ވަނަ ސެމީ ގައި ފ.އަތޮޅު މަދަރުސާ އިން ވަނީ 4-2 އިން ރެހެންދި ސްކޫލް ބަލިކޮށްފަ އެވެ. ވާދަވެރިކޮށް ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ ގޯލް ކީޕަރު އައިޝަތު އަޒުވާ ޢަބްދުﷲ ނިޔާޒު އެވެ. މިއީ އަޒުވާ މި މުބާރާތުގައި މެޗުގެ މޮޅު ކުޅުންތެރިޔާކަން ހޯދި ހަތަރު ވަނަ މެޗެވެ.

ތިން ވަނަ ކުއާޓާ ގައި އަޙުމަދިއްޔާ އިން ތާޖުއްދީންގެ މައްޗަށް ކުރި ހޯދީ ފަސޭހަކަމާއެކު، ބޮޑު ތަފާތަކުންނެވެ. އަޙުމަދިއްޔާ އިން މެޗު ކާމިޔާބު ކުރީ 27-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އަޙުމަދިއްޔާގެ ފާތިމަތު ރުކާން އިބްރާހީމް އެވެ. ފަހު ކުއާޓާ ގައި އަމީނިއްޔާ އާއި ކަލާފާނުގެ މެޗު ވެސް ވާދަވެރި އެވެ. ކަލާފާނުން އަމީނިއްޔާގެ މައްޗަށް ކުރި ހޯދި އެއް ލަނޑުގެ ތަފާތުންނެވެ. އެއީ 18-17 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ކަލާފާނުގެ މަރިޔަމް މާޝަލް އަޙުމަދު އެވެ.

ސެމީ މެޗުތަކަށްފަހު މުބާރާތުގެ ފައިނަލް މެޗުތައް ކުރިއަށް ދާނީ އަންގާރަ ދުވަހު އެވެ.

- ކޮމެންޓް