ރަޝިޔާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލައި އދ. އިން ގަރާރެއް ފާސްކޮށްފިއެވެ.
އދ. އިން މި ގަރާރު ފާސްކޮށްފައިވަނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައަށް އެއް އަހަރު ދުވަސް ފުރުމާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައެވެ. އެގޮތުން، ޔޫކްރެއިނަށް އަރައި ތިބި ރަޝިއާ ސިފައިން ބޭލުމަށާއި ހަނގުރާމަ ހުއްޓާލުމަށް ވަނީ ގޮވާލައިފައެވެ.
މި ގަރާރު ފާސްކޮށްފައިވަނީ އދ. ގެ 141 މެންބަރުންގެ ތާއީދާއެކުގައެވެ. ގަރާރާ ދެކޮޅަށް ރަޝިއާގެ އިތުރުން ހަ ޤައުމަކުން ވަނީ ވޯޓު ދީފައެވެ. އެ ޤައުމުތަކަކީ ބެލަރޫސް އާއި އުތުރު ކޮރެޔާ އާއި އެރިޓްރިޔާ އާއި މާލީ އާއި ނިކަރާގުއާ އަދި ސޫރިޔާއެވެ. މި ވޯޓުގައި ރަޝިއާ އާއި އެންމެ ގާތް ޗައިނާގެ އިތުރުން 31 ޤައުމަކުން ބައިވެރި ނުވެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވަނީ އދ. ގެ މި ގަރާރަށް މަރުޙަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ވޯޓުން ދޭހަކޮށްދެނީ މުޅި ދުނިޔެ ޔޫކްރެއިނަށް ތާއީދު ކުރާ ކަން ކަމަށެވެ.
ރަޝިޔާއިން މި ގަރާރާ ދެކޮޅު ހަދާފައިވާއިރު އެ ޤައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ނައިބު ޑިމިޓްރީ ޕޮލިޔެންސްކީ އެ ގަރާރު ސިފަ ކުރެއްވީ "ބޭކާރު" ގަރާރެއްގެ ގޮތުގައެވެ.
ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދޭން ފެށީ 24 ފެބްރުއަރީ 2022 ގައެވެ. މި ހަނގުރާމައަށް މިހާރު އަހަރެއްވެފައިވާއިރު އެކި ޤައުމުތަކުން ދަނީ އެ ޤައުމުތައް ޔޫކްރެއިނާއި އެ ޤައުމުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ބައެއް ޤައުމުތަކުގެ ރައްޔިތުން ވަނީ އެ ޤައުމުތަކުގައި ހުންނަ ރަޝިއާގެ އެމްބަސީތައް ކައިރީގައި އެއްވުންތަކެއް ބާއްވައިފައެވެ.
ރަޝިއާއިން ޔޫކްރެއިނަށް ދެމުން އަންނަ ހަމަލާތަކާ ގުޅޭގޮތުން ޔޫކްރެއިނުން ބުނެފައިވާ ގޮތުގައި އެ ޤައުމުގެ އިރުމައްޗާއި ދެކުނުގެ އިތުރުން އުތުރުގެ 25 ރަށަކާއި އަވަށަކަށް ރަޝިޔާއިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.