ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 09:02
އައު ރެކޯޑު ހެދި ޓީއެސް ލައިން
އައު ރެކޯޑު ހެދި ޓީއެސް ލައިން
ޓީއެސް ލައިން
މަސްވެރިކަން
އެއް ދުވަހުން 73 ޓަނުގެ މަސް ކިރުވައި ބާޚިރާ ދޯނީގެ ރެކޯޑު، ޓީއެސް ލައިނުން މުގުރާލައިފި
ޓީއެސް ލައިނުން ވަނީ ބުދަ ދުވަހު މިފްކޯއަށް 73 ޓަނުގެ މަސް ކިރުވާފައި
ޓީއެސް ލައިނުން ކިރުވި މަހުގެ ޖުމްލަ އަގު 1،241،918 ރުފިޔާއަށް އަރާ

ގދ. ފަރެސްމާތޮޑާގެ ބާޚިރާ ދޯނިން މިދިޔަ ޑިސެމްބަރު މަހު ހެދި ރެކޯޑު އެ އަތޮޅުގެ މަޑަވެލީގެ ޓީއެސް ލައިނުން މުގުރާލައިފިއެވެ.

ޓީއެސް ލައިނުން ބުނެފައިވާ ގޮތުގައި އެ ދޯނިން ވަނީ ބުދަ ދުވަހު މިފްކޯއަށް 73 ޓަނުގެ މަސް ކިރުވާފައެވެ. މިއީ އެންމެ ފަހުން ހަދާފައިވާ 14.4 ޓަނު އިތުރު އަދަދެކެވެ.

ޓީއެސް ލައިނުން 73 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވާއިރު ޖުމްލަ އަގު 1،241،918 (އެއް މިލިއަން ދެ ލައްކަ ސާޅީސް އެއް ހާސް ނުވަސަތޭކަ އަށާރަ) ރުފިޔާއަށް އަރައެވެ.

އެންމެ ފަހުން މި ރެކޯޑު އޮތީ ފަރެސްމާތޮޑާގެ ބާޚިރާ ދޯނީގައެވެ. އެ ދޯނިން މިދިޔަ ޑިސެމްބަރު މަހު ވަނީ އެއް ދުވަހެއްގެ ތެރޭގައި މިފްކޯއަށް 58.6 ޓަނުގެ މަސް ކިރުވާފައެވެ. މަސްކިރުވައި ބާޚިރާ ދޯންޏަށް 996,034 ރުފިޔާ ލިބުނެއެވެ.

ޓީއެސް ލައިނަކީ މަސްވެރިކަމުގައި މީގެ ކުރިން ވެސް ރެކޯޑު ހަދާފައިވާ ދޯންޏެކެވެ. އެގޮތުން، ބާޚިރާ ދޯނިން މިދިޔަ އަހަރު ރެކޯޑު ހެދުމުގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެއްމެ ގިނަ މަސް ބޭނި ދޯނީގެ ރެކޯޑު އޮތީ އެ ދޯނީގައެވެ. އެއީ 57.152 ޓަނުގެ މަސް ކިރުވައިގެންނެވެ.

ޓީއެސް ލައިން ބަނދެ، މަސްވެރިކަމަށް ނެރުނީ 2017 ވަނަ އަހަރުގައެވެ. އެ ދޯންޏަކީ ޒަމާނީ ވަސީލަތްތަކާއެކު މަސްވެރިކަން ކުރަމުން އަންނަ ދޯންޏެކެވެ. މިވަގުތު އެ ދޯނިން 36 މީހަކު މަހަށް ދެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. އެހެންކަމުން މަސްވެރިން ބާނާ ހުރިހާ މަހެއް ކިރުވޭނެ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖެހިފައި ހުރުމަކީ މަސްވެރިންގެ އެދުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް