ކ. މާލެ
|
24 ފެބްރުއަރީ 2023 | ހުކުރު 07:48
އެޗްޑީސީ
އެޗްޑީސީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެޗްޑީސީ
ހިޔާ ފުލެޓުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅުއަޅަނީ
އެޕާޓްމަންޓްތަކުގައި ވަޑާމުގެ މަސައްކަތް ކުރުމާއި އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެ ކުންފުނިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހިޔާ ފުލެޓްތަކަކީ އެންމެބޮޑު އެއް އަބާދީއެއް އެއް ސަރަހައްދެއްގައި ދިރިއުޅެމުން ގެންދާ ސަރަހައްދަށްވާއިރު އެ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަމަށާއި، ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވާއިދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން، ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އިމާރާތުގެ ސްޓަރަކްޗާއަށް ގެއްލުން ވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުމަކީ މަނާ ކުރެވިފައިވާ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން އިމާރާތް ބޭނުން ކުރުމުގައި ވެސް އެހެން ފަރާތްތަކަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް އުސޫލުތަކެއް ހެދިފައިވާއިރު، ވިޔަފާރި ކުރުމަށް ކޮމާޝަލް އޭރިއާއެއްގެ ގޮތުގައި ކޮންމެ ޓަވަރެއްގެވެސް ގްރައުންޑް ފްލޯރ ކަނޑައެޅިފައިވާ ކަމަށާއި ނަމަވެސް، އެކި ފަހަރު މަތިން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި އެ އުސޫލުތަކާއި ޤަވައިދުތަކާއި ހިލާފު ގިނަ ކަންތައްތަކެއް ފާހަގަކުރެވެމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، ބައެއް އެޕާޓްމަންޓްތަކުގައި ވަޑާމުގެ މަސައްކަތް ކުރުމާއި އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުން ކުރުމާއި، ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުމާއި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަހާއި މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ ކަންކަން މަނާ ކުރެވިފައިވަނީ ރައްޔިތުންގެ ފަސޭހަ އާއި ރައްކާތެރިކަމަށް އިސްކަން ދިނުމަށް ކަން ފާހަގަކޮށް އެޗްޑީސީން ބުނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން އެގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ޖޫރިމަނާ ކޮށް، ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މިހާރުވެސް މިކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

އެޗްޑީސީގެ މި އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލައި އެކަށީގެންވާ ފިޔަވަޅުތައް ޤަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުންގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލެ އަކީ، ރައްޔިތުންނަށް ދިރިއުޅެން ފަސޭހަ، ރައްކާތެރި ވެއްޓެއް ޤާއިމު ކުރެވިފައިވާ ރަށަކަށް ހެދުމަކީ އެޗްޑީސީގެ އަމާޒެކެވެ. އެކަން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން މުހިންމު ކަމަށް އެ ކުންފުނިން ބުންޏެވެ.

- ކޮމެންޓް