ކ. މާލެ
|
23 ފެބްރުއަރީ 2023 | ބުރާސްފަތި 07:44
އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ
އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ
އެންވަރަންމަންޓް މިނިސްޓްރީ
ވެމްކޯގެ އަހަރީ ދުވަސް
ކުންޏަކީ މެނޭޖުކުރަންޖެހޭ ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރޭ: މިނިސްޓަރު ޝައުނާ
މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 800 އާއި 1000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދޭ
ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުވާލަކު އުފެދޭ ކުނި އިތުރުވަމުންދިޔުން

ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ވެމްކޯ އުފެދުނުތާ 7 އަހަރުވެގެންދިޔައިރު ކުންޏަކީ މެނޭޖްކުރަންޖެހޭ އަދި އޭގެން ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވެމްކޯގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ފާއިތުވެގެންދިޔަ 7 އަހަރު ތެރޭގައި ހާސިލުކުރެވުނު އެންމެ މުހިންމު ކަމަކީ ޒަމާނުއްސުރެ ކުންޏަކީ ހަމައެކަނި ގޭގެއިން ނަގައިގެން ތަނަކަށް އުކާލާ އެއްޗެއްގެ ގޮތުގައި އޮތްއޮތުން މިއަދު ވަރަށް ބޮޑަށް ބަދަލުކުރެވިފައިވުން ކަމަށެވެ. އަދި ކުންޏާމެދު ދިވެހި ރައްޔިތުންގެ ވިސްނުން ބަދަލުވެފައިކަމަށާއި ސަރުކާރުގެ ސިޔާސަތުތައް ފަރުމާ ކުރާ ގޮތާއި ތަންފީޒުކުރަން ތިބި މުވައްޒަފުންގެ ވިސްނުންވެސް މިއަދު ބަދަލުވެފައިވާކަމަށެވެ.

ވިސްނުމަށް މިއައި ބަދަލަކީ ވެމްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތްކަމަށް ގަބޫލުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވެމްކޯގެ ޚިދުމަތް މިއަދު މުޅި ރާއްޖެއަށް ފޯރުކޮށްދެމުންދާއިރު ގޮންޖެހުންތަކެއްވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އެންމެ އުތުރުރާއި އެންމެ ދެކުނުގައި ގާއިމުކުރެވޭ ސަރަހައްދީ ކުނި މެނޭޖް ކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓމުގެ ޒިންމާ އަދާކުރަނީ ވެމްމޯއިން. އަދި ރ.ވަންދޫގައި ގާއިމުކޮށްފައިވާ ކުނި މެނޭޖްކުރާ ތަން އޮޕަރޭޝަން ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއެކު ސަރަހައްދުގެ ރަށްތަކުގައި ޖަމާވެ ފުނި ޖެހިފައިވާ ކުނި ނަގާ ކުނީގެ މައްސަލައަށް ހައްލު ގެނައުމަށް ވެމްކޯ އަދަކުރާ ދައުރު ނުހަނު މުހިންމު. އަދި އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރެވޭ ސަރަހައްދީ ކުނި މެނޭޖްކުރާ ނިޒާމު ނިމުމަކާ ގާތަށް އަންނައިރު ކުނި މެނޭޖްކުރުމުގެ ފުރިހަމަ ޒިންމާ ޒޯނު 6 އަދި 7 ގައި އަދާކުރާ ބަޔަކީ ވެމްކޯ.
އައިމިނަތު ޝައުނާ/ އެންވަޔަރަންމަންޓް މިނިސްޓަރު

ވެމްކޯގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ މަސައްކަތްތަކަށް ހެދުމަށް ފަންނީ ކޮންސަލްޓަންޓުންގެ އެހީ ވެމްކޯއަށް ފޯރުކޮށްދެމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތިލަފުށީގައި ކުރަމުންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތުގެ ދަށުން ކޮންމެ ދުވަހަކު ގެންދެވޭ ކުނި ދަނީ މިންކުރެވެމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 800 އާއި 1000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާކަމަށާއި 150 ޓަނާއި ގާތަށް ކޮންސްޓްރަކްޝަން ކުނި ގެންދެވޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުވާލަކު އުފެދޭ ކުނި އިތުރުވަމުންދިޔުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ވެމްކޯއިން ކުރާ މަސައްކަތާއި ހޭދައާއި ފަތުރުވެރިކަމާއި އިގްތިސާދަށް ކުރާ އަސަރު ކުޑަކުރެވޭނީ އެންމެން އެކީގައި ކުނި މަދުކުރުމަށް މަސައްކަތްކޮށްގެން. އަދި ކުންޏާ މެދު އާންމުން ދެކެމުން އައި ގޮތް ބަދަލުކޮށް ކުނި ނެގުމާއި ކުނި އުކުރުމަކީ ތާހިރު މަސައްކަތެއްގެ ގޮތުގައި ދައްކުވައިދިނީ ވެމްކޯގެ މުވައްފުން.
އައިމިނަތު ޝައުނާ/ އެންވަޔަރަންމަންޓް މިނިސްޓަރު

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 140ށް ވުރެ ގިނަ ރަށުގައި ކުނި މެނޭޖްކުރުމުގެ ތަންތަން ގާއިމުކުރެވިފައިވާކަމަށާއި ކުންޏާއި ގުޅޭ އެކިކަހަލަ 88 މަޝްރޫޢެއް މިހާރުވެސް ހިނގަމުންދާކަމަށެވެ.

މީގެއިތުރުން ކުނީގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ 20 ރަށަކުން އެއް ލައްކައަށްވުރެ ގިނަ ޓަނުގެ ކުނި ނަގާ ސާފުކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

- ކޮމެންޓް