ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެ ވަނަ ލެގު އަމިއްލަ ދަނޑުގައި ކުޅެން ޖެހުނު ނަމަވެސް، ލިވަޕޫލް އިން އުނދަގޫ ކުރާނެކަން ދަންނަން ޖެހޭ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ފުރަތަމަ ލެގުގައި ރެއާލުން އެންފީލްޑުގައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ 5-2 އިންނެވެ. އެއީ މެޗުގައި ލިވަޕޫލް އިން ދެ ލަނޑު ޖަހައި، ލީޑު ނަގާފައި ވަނިކޮށް ފަހަތަުން އަރައި ފަސް ލަނޑު ޖަހައިގެންނެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، މެޗު ފެށިގެން އައި އިރު ރެއާލަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ. އޭނާ ބުނީ މިކަހަލަ މެޗެއްގެ ފެށުން އެފަދަ ގޮތަކަށް ހިނގައިދާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ. ނަމަވެސް ރެއާލްގައި އޮތް ސްކޮޑާއެކު އަބަދުވެސް ކަންތައް ކުރާ ގޮތަށް، ރެއާލްގެ ކޮލެޓީގައި އަލުން އަނބުރާ މެޗުގެ ތެރެއަށް ވަދެވުނު ކަމަށެވެ. އަންޗެލޮޓީ ބުނީ އެ މެޗުގެ 90 މިނެޓަށްފަހު ރެއާލަށް އެޑްވާންޓޭޖް އޮތްކަން ވެސް އޭނާ އަށް އެނގޭ ކަމަށާއި، އަދި ދެ ވަނަ މެޗު އޮތީ ރެއާލްގެ އަމިއްލަ ދަނޑުގައި ކަމަށެވެ. އަދިވެސް ޤަބޫލު ކުރަނީ ލިވަޕޫލަކީ ވަރަށް ވާދަވެރި ޓީމެއް ކަމަށާއި، ސަބަބަކީ އެ މެޗުގައި ވެސް ލިވަޕޫލް އިން ރެއާލަށް އެތައް އުނދަގޫތަކެއް ކުރިމަތިކުރުން ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.
މީގެ އިތުރުން އަންޗެލޮޓީ ބުނީ، ދެ ވަނަ ލެގަށް ނުކުންނައިރު ވެސް ވިސްނަން ވާނީ ހަމަ އެގޮތަށް ކަމަށެވެ. އޭނާ ބުނީ ކުއާޓާ ފައިނަލަށް ދިޔުމަށް ކުރާ މަސައްކަތް އަދި ނުނިމޭ ކަމަށާއި، އަމިއްލަ ދަނޑުގައި ކުޅޭ އިރު ވެސް ސަމާލުވެ ތިބެން ޖެހޭނެ ކަމަށެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ ވިނީޝިއަސް ޖޫނިއާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އޭނާގެ އަމިއްލަ ނަޒަރުގައި ވިނީޝިއަސް އަކީ ދުނިޔޭގައި މިވަގުތު ހުރި ނިންމާލުންތައް އެންމެ ރަނގަޅު ކުޅުންތެރިޔާ ކަމަށެވެ. އަދިވެސް ލިވަޕޫލަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި، އިދިކޮޅު ޓީމަށް އުނދަގޫވާ ގޮތަށް އެމީހުންގެ ކުޅުމުގެ ވައްޓަފާޅި ގެންގުޅޭ ކަމަށެވެ. އަދި އެންފީލްޑުގައި ކުޅެން ނުކުތީ ފައިނަލްގައި ކުޅުނު ވައްޓަފާޅި އަށް ކުޅެން ނޫން ކަމަށެވެ.
މި ދެ ޓީމު ވާދަކުރާ ދެ ވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ 16 ގަ އެވެ.