ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 12:08
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވާހަކަ ދައްކަވަނީ
ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަދިނުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވާހަކަ ދައްކަވަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޤާނޫނީ ވަކީލުން
އުއްތަމަފަނޑިޔާރުގެ ނަސޭޙަތް: އިންސާފަށްވުރެ ފައިސާ އިސްނުކުރުން، މުވައްކިލުގެ މަޞްލަޙަތުގެ ކުރިޔަށް އުޖޫރަ އިސްނުކުރުން
ރާއްޖޭގެ ޤާނޫނީ ފަންނު ތަރައްޤީވެ ކުރިއެރުވުމަކީ އެންމެން ގުޅިގެން ކުރަންޖެހިފައިވާކަމެއް
މި ދާއިރާގައި ދުވަސްވީ ތަޖުރިބާކާރު ވަކީލުންނަށް އިޙްތިރާމް ކުރެއްވުމަށް އިސްކަން ދޭންޖެހޭ

އިންސާފަށްވުރެ ފައިސާ އިސްނުކުރުމަށާއި، އަދި މުވައްކިލުގެ މަޞްލަޙަތުގެ ކުރިޔަށް އުޖޫރަ އިސްނުކުރުމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކީލުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އުއްތަމަފަނޑިޔާރު ވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބޭއްވުނު ފުރަތަމަ ބާ އިމްތިޙާނު ކާމިޔާބު ކަމާއެކު ފުރިހަމަކޮށް، ޤާނޫނީ ދާއިރާއާ އަލަށް ގުޅިވަޑައިގެންނެވި ޤާނޫނީ ވަކީލުން، ހޯއްދެވި ކާމިޔާބީއަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

އަދުލު އިންޞާފު ޤާއިމުކުރުމުގައި ޙަރަކާތްތެރިވާ މީހުންނަކީ ޒިންމާބޮޑު ބައެއްކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، އެއީ ފަނޑިޔާރަކު ކަމުގައި ވިޔަސް އަދި ވަކީލަކު ކަމުގައި ވިޔަސް، ކުރައްވާ މަސައްކަތަކީ ޤާނޫނުގެ ބާރާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުން ކަމަށެވެ.

އޭގެ އިތުރުން، ވަކީލުކަމުގެ މަސައްކަތް ކުރައްވާއިރު އެންމެ ހިނދުކޮޅަކަށްވެސް ރޮނގުން ކައްސާލައިގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އަބަދުވެސް މަސައްކަތް ކުރައްވަން ވާނީ ކަމަށް ކަމޭ ހިތައިގެން ކަމަށާއި، ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އަތުން ބީވެގެންދާ ކުޑަ ކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ޙައްޤެއް ގެއްލިއްޖެނަމަ އެއީ މަޢާފު ކުރެވޭނެކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އެކަންކަމާ މެދު އެމީހަކާ ސުވާލުކުރެވޭނެ ކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

މި ރާއްޖޭގެ ޤާނޫނީ ފަންނު ތަރައްޤީވެ ކުރިއެރުވުމަކީ އެންމެން ގުޅިގެން ކުރަން ޖެހިފައިވާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ދާއިރާގައި ދުވަސްވީ ތަޖުރިބާކާރު ވަކީލުންނަށް އިޙްތިރާމް ކުރެއްވުމަށް އިސްކަން ދެއްވުމަށާއި، މިފަންނުގައި ދުވަސްވީ ވަކީލުން އެހެން ވަކީލުންގެ އިނގިލި ކުރީގައި ހިއްޕަވައި މަގު ދައްކަވައި ދެއްވައި ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވުމަށްވެސް އުއްތަމަފަނޑިޔާރު އެދިވަޑައިގެންނެވިއެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ފަސޭހަ ކަމެއްނޫންކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، އެއީ ހުކުރެއް ހޮނިހިރެއް ނޯންނަ، ވަގުތު ފަހާ ދުވަންޖެހޭ މަސައްކަތެއް ކަމަށެވެ. އެގޮތުން ޤާނޫނީ ވަކީލެއްގެ ކުޑަކުޑަ އިހުމާލަކުންވެސް މީހެއްގެ ނުވަތަ ބައެއްގެ ޙައްޤު ގެއްލި ދިޔުމުގެ ފުރުޞަތު އޮވެދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ވަނީ ޤާނޫނީ ވަކީލުންގެ ޚިދުމަތަށް ގަބޫލު ކުރެވޭ ފީއެއް ނެގިކަމުގައިވިޔަސް، އިންސާފަށްވުރެ ފައިސާ އިސްނުކުރުމަށާއި، އަދި މުވައްކިލުގެ މަޞްލަޙަތުގެ ކުރިޔަށް އުޖޫރަ އިސްނުކުރުމަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

ދައުލަތުގެ ގުޅުން ހުރި އިދާރާތަކުން އަދި ލޯ ފާމުތަކާއި ކުންފުނިތަކުންވެސް، އަލަށް ގުޅިވަޑައިގަތް ވަކީލުންނަށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް