ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗާއި، ގަދަ 16 ގައި ވާދަކުރާ މެޗުތައް ތަފާތުވާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
މިދިޔަ ސީޒަންގައި ވެސް ރެއާލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކޯޗު މިހެން ބުނީ، މި ސީޒަންގެ މުބާރާތުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އަންޗެލޮޓީ ބުނީ އެކަހަލަ މެޗަކަށް ނުކުންނައިރު، ކުޅުންތެރިންގެ ގޮތުގައި އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނާނެ ކަމަށެވެ. އަދި ލިވަޕޫލާ ދެކޮޅަށް އެހާ ގިނަ ފަހަރު ކުޅެފައިވާތީވެ، އުންމީދު ކުރާނެ ކަންކަން މިހާރު ކޮންމެ ވެސް ވަރަކަށް އެނގޭނެ ކަމަށެވެ. އަންޗެލޮޓީ ބުނީ ކުޅުންތެރިންނަށް ވެސް މިހާރު މެޗުގައި އެމީހުން މާކު ކޮށްގެން ތިބޭނީ ކޮން ކުޅުންތެރިންނެއްކަން ވެސް އެނގޭނެ ކަމަށާއި އެފަދަ އެތައް ސަބަބުތަކެއް ހުރި ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް މެޗަށް ވެސް ތައްޔާރުވަނީ އެހެން މެޗުތަކެކޭ އެއްފަދައިން ހަމަޖެހިގެން ކަމަށެވެ.
މީގެ އިތުރުން އަންޗެލޮޓީ ބުނީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްގެ ވާހަކައަކާ އޭނާ ވެސް އެއްބަސްވާ ކަމަށެވެ. އެއީ މިދިޔަ ޗެމްޕިއަންސް ލީގުގެ ފައިނަލަކީ ވަރަށް ހަމަހަމަ މެޗެއް ކަމަށެވެ. އޭނާ ބުނީ ފަހަރުގައި ޕޮޒިޝަން ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ލިވަޕޫލް ކަމަށް ވެސް ވެދާނެ ކަމަށާއި، ނަމަވެސް ރެއާލުން ތިބީ ފަހަތުގައި ވަރަށް ހުޝިޔާރުވެގެން ކަމަށެވެ. ލިވަޕޫލާ ދެކޮޅަށް ކުޅޭ އިރު، ފަހަތުގައި ހުޝިޔާރަށް ތިބެއްޖެ ނަމަ، އަބަދު ވެސް އެތިބީ ރަނގަޅު މިސްރާބުގައި ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އެހެން ނަމަވެސް މިއީ މުޅިން ތަފާތު މެޗުތަކެއް ކަމަށް އަންޗެލޮޓީ ފާހަގަ ކުރި އެވެ. ސަބަބަކީ މި ފަހަރު އޮތީ ދެ ލެގު ކުޅެން ޖެހޭ ހިސާބެއްގައި ކަމަށާއި އެކަމަށް ވަރަށް ރަނގަޅަށް ސަމާލުވެގެން ތިބި ކަމަށް އަދި ވާދަވެރިކަން ބޮޑު ދެ މެޗު ފެންނާނެ ކަމަށެވެ.
އިތުރަށް އަންޗެލޮޓީ ބުނީ މިދިޔަ ސީޒަންގެ މުބާރާތުގެ ގަދަ 16 ގައި ރެއާލުން ވާދަ ކުރި އިރާއި، މި ސީޒަނާ އަޅާ ބަލާއިރު މިހާރު އެ ޓީމު އޮތީ މާ ރަނގަޅު ހާލަތެއްގައި ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ޚާއްސަކޮށް އެހެން މީހުންގެ ނަޒަރަށް ބަލާއިރު، މިދިޔަ ސީޒަންގައި ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ. އަންޗެލޮޓީ ބުނީ ލިވަޕޫލްގެ ދަނޑު އެންފީލްޑަކީ އޭނާ އަށް އައު ދަނޑެއް ނޫން ކަމަށާއި، އަނެއްކާ ވެސް ދުވަސްތަކަކަށްފަހު އެ ދަނޑަށް ނުކުމެވޭތީ އުފާވާ ކަމަށެވެ.
ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލުން އެންފީލްޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.