ޔުއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގައި ލިވަޕޫލާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މެޗުގެ ސްކޮޑުގައި ކެޕްޓަން ކަރީމް ބެންޒެމާ ހިމަނައިފި އެވެ.
އޭނާ އަށް ވަނީ އަނިޔާގެ ސަބަބުން ރެއާލުން މިދިޔަ ހަފްތާގައި ކުޅުނު މެޗު ގެއްލިފަ އެވެ. ނަމަވެސް ލިވަޕޫލް މެޗުގެ ސްކޮޑުގައި އޭނާ ހިމެނީ އަނިޔާ އިން ރަނގަޅުވުމުން ކަމަށާއި، މެޗުގައި އޭނާ އަށް ކުޅެވޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ބެންޒެމާ އަށް ކުޅެވޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެ މެޗަށް ރެއާލުން އެކުލަވާލި ސްކޮޑުގައި މުހިންމު އެހެން ދެ ކުޅުންތެރިޔަކު ނުހިމަނަ އެވެ. އެއީ އެ ޓީމުގެ ޑިފެންސިވް މިޑްފީލްޑަރު އައުރެލިން ޗުއަމިނީ އާއި މިޑްފީލްޑަރު ޓޯނީ ކްރޫސް އެވެ. މި ދެ ކުޅުންތެރިންނަށް މެޗުގައި ނުކުޅެވެނީ ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
ގަދަ 16 ގެ ފުރަތަމަ ލެގުގައި ރެއާލުން ލިވަޕޫލްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.