ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސިންގަޕޫރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ވަނީ މީގެ ކުރިންވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބްރިއަރީގައި، ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ވެސް އެ ގައުމުގައި ކުރެއްވިއެވެ. އެމަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ.
ރައީސްގެ ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން ހާމަ ނުކުރައްވައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
