ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 17:08
އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި)
އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި)
ފޭސްބުކް
މާލޭ ލިގު
ގަދަ ހަތަރަކަށް އެރުމަށް ވެލެންސިއާ މެޗުން މަދުވެގެން ޕޮއިންޓެއް ބޭނުން: ސާންތި
އީގަލްސް އޮތީ 17 ޕޮއިންޓާއެކު ހަތަރުވަނައިގައި
ގަދަ ހަތަރަކަށް ވަނުމަށް އީގަލްސް ހަ ޕޮއިންޓް ބޭނުންވޭ
ހަވީރު މެޗުތައް ކުޅެންވީމަ އުދަގޫތަކާ ކުރިމަތިވޭ

ގަދަ ހަތަރަކުން ކްލަބް އީގަލްސް ޖާގަ ހޯދަން ބޭނުންވާނަމަ ވެލެންސިއާ އަތުން މަދުވެގެން ޕޮއިންޓެއް ބޭނުންވާކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި) ބުނެފި އެވެ.

މާލޭ ލީގުގައި އީގަލްސް އަދި ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސާންތި ބުނީ އީގަލްސް އަށް އެއްވެސް މެޗެއް މިހާރު ނަގާލެވެން ނެތް ކަމަށާއި، ގަދަ ހަތަރަކަށް ވަންނަން މަދުވެގެން ވެލެންސިއާ އަތުން ޕޮއިންޓެއް ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން ސާންތި ބުނީ އީގަލްސް އަށް ދަތިތަކެއް ހުރި ނަމަވެސް މެޗަށް ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި ކަމަށާއި، އެންމެ ފަހުވަގާ ޖެހެންދެންވެސް ތިން ޕޮއިންޓް ހޯދަން އެޓީމުން މަސައްކަތްކުރާނެ ކަމަށެވެ.

އީގަލްސް އަށް ޕްރެޝަރު ބޮޑުވެފައިވާ ކަން ފާހަގަކުރަމުން ސާންތި ބުނީ އެންމެ ފަހުން ވިކްޓްރީ މެޗުގައިވެސް އީގަލްސް އަށް ދިމާވި މައްސަލައަކީ ރޭގަނޑުގައި ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައި، ހަވީރު މެޗު ކުޅެން ޖެހުމުން ކަމަށާއި، އެހެންނަމަވެސް އެ މައްސަލަ މިހާރު ހައްލުކުރެވެމުންދާ ކަމަށެވެ.

މީގެއިތުރުން ސާންތި ބުނީ ގަދަ ހަތަރަކަށް ވާދަކުރާ ވަރަށް ގިނަ ޓީމު އެބަ އުޅޭ ކަމަށާއި، ބޮޑެތި ޓީމުތަކާ ދެކޮޅަށް އީގަލްސް އިން ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ މިހާރު ދިމާވާ އެއް މައްސަލައަކީ ޕްރެޝަރާ ކުރިމަތިވީމަ އެ ޕްރެޝަރަށް ހޭނެން ނޭގުން ކަމަށެވެ. އެގޮތުން އޭނާ ބުނީ ޒުވާން ކުޅުންތެރިންތައް ގިނައިން ކުޅޭވަރަކަށް މިކަންތައްތައް ކުރިޔަށް އޮތް ދުވަސްކޮޅުގައި ރަނގަޅުވެގެންދާނެ ކަމަށެވެ.

ސާންތި ބުނީ އީގަލްސްއަށް ފަރުޖައްސާލެވެން ނެތް ކަމަށާއި، ގަދަ ހަތަރަކަށް ވަންނަން ބޭނުންވާނަމަ މަދުވެގެން ހަ ޕޮއިންޓް ބޭނުންވާ ކަމަށެވެ. އޭނާ ބުނީ އީގަލްސް އަށް ކުރިޔަށް ގްރީން ސްޓްރީޓް މެޗު، ނިއުރޭޑިއަންޓް މެޗު އަދި ޓީސީ މެޗުވެސް އެބައޮތް ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ދެ މެޗު ހޯދަންޖެހޭ ކަމަށްވެސް ސާންތި ވަނީ ބުނެފައެވެ.

އީގަލްސް އޮތީ ކުޅުނު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ.

- ކޮމެންޓް