މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަންނަ މާޗު މަހުގެ 16 ދުވަހުން ބާއްވަން ނިންމައި އިއުލާންކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ރޭ އެކަން އިއުލާން ކުރެއްވީ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގަ އެވެ. މިއީ މެދުކެނޑުމަކަށްފަހު ސަރުކާރުން މި އެވޯޑު ބާއްވާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރުގެ ވެސް މި އެވޯޑު ހަފްލާ ވަނީ މާލޭ ސިންތެޓިކް ޓްރެކްގައި ބާއްވައިފަ އެވެ. މިދިޔަ އަހަރު ބޭއްވި ސްޕޯޓްސްް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ދުނިޔޭގެ ކުޅިވަރުގައި ވިދަމުން އަންނަ ފަރާތްތަކާއި ކުރީގެ ލެޖެންޑުން ވެސް ވަނީ ބައިވެރިވެފަ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި އެންމެ ކުލަ ގަދަކޮށް ސްޕޯޓްސް އެވޯޑްސް ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
އެކަމާ ގުޅިގެން ރާއްޖެ އެމްވީއާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ، މިއަހަރުގެ އެވޯޑު ޙަފްލާ ވެސް ކުރިއަށް ދާނީ މިދިޔަ އަހަރެކޭ އެއް ގޮތަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އެވޯޑު ޙަފްލާގައި ވެސް ކުޅިވަރުގެ ލެޖެންޑުން ބައިވެރިވާނެ ކަމަށެވެ.
މިދިޔަ އަހަރު މި އެވޯޑު ތައާރަފް ކުރުމަށް ފަހު މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތުގައި އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ޤައުމަށް ރީތި ނަން ހޯދައިދޭ އެތުލީޓުންގެ މަސައްކަތް ފާހަގަ ކުރުމުގެ ބޭނުމުގައި ތައާރަފް ކުރި އެވޯޑެއް ކަމަށެވެ. މިދިޔަ އަހަރު އޮތް އެވޯޑް ހަލްފާގައި ވަނީ ހުރިހާ ކުޅިވަރަކުން ވެސް އެވޯޑު ދީފަ އެވެ. އެގޮތުން 18 ކުޅިވަރަކުން ފާހަގަ ކުރެވޭ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ވަނީ އެވޯޑު ދީފަ އެވެ.
މިދިޔަ އަހަރުގެ އެވޯޑު ހަފްލާގައި ބައިވެރިވި ޝަޚުސިއްޔަތުންގެ ތެރޭގައި ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، މިޝެލް ސަލްގާޑޯ، އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ، ފުޓުބޯޅަ ލެޖެންޑް ރެފްރީ މާކަސް މާކްގެ އިތުރުން އެހެނިހެން ފަރާތްތައް ވެސް ހިމެނެ އެވެ. މިދިޔަ އަހަރު ބޭއްވި އެވޯޑު ހަފްލާއާއެކު ރާއްޖޭގެ ނަން ވަނީ ބޭރު ޤައުމުތަކުގެ މީޑިއާ އަށް ވެސް އަރައިފަ އެވެ. މީގެ އިތުރުން އެ އެވޯޑް ހަފްލާ އަށް ވަނީ ދުނިޔޭގެ ސަމާލުކަން ވެސް ލިބިފަ އެވެ.