ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތްތަކުގައި އަޑުއެހުންތައް ހުއްޓުމަކަށް އަތުވެއްޖެ އެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީއަތުގެ އަޑުއެހުންތައް ހުއްޓާލައި، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދަނީ ހަމައެކަނި ހުކުމް އިއްވުމުގެ މަރުހަލާގައިވާ މައްސަލަތަކުގެ ހުކުމް އިއްވުމެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކޯޓުގައި މައްސަަލަތައް ބަލައިގަތުމާއި ތާވަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މައްސަލަތަކުގެ އަޑުއެހުންތައް ހުއްޓާލައި ހަމައެކަނި ހުކުމްތައް ކުރަމުންދަނީ ގާނޫނަށް ތައްޔާރުވުމަށް ކުރަންޖެހޭ ފަހުގެ މަަސައްކަތްތައް ކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ މައްސަލަތަކެއް ހިންގަމުންދާ ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ކުރިއަށް ގެންގޮސްފައިިވަނީ އެންމެ ހަ މައްސަލަ އެެވެ. އަދި ހޯމަ ދުވަހަށް ތާވަލުކޮށްފައިވަނީ އެންމެ މައްސަލައެކެވެ.
މިކަމާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން ވިދާޅުވީ ކޯޓުން ޝެޑިއުލް ކުރާ އުސޫލުގެ މަތިން މައްސަލަތައް ކުރިއަށްދާ ކަމަށެވެ. އަދި މަދުން މައްސަލަ ތާވަލުކުރުމަކީ ކޯޓަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށާއި، ކޯޓަށް މައްސަލަތައް ކުރިއަށް ގެންދެވެނީ އެތައް ބަޔަކު ޝާމިލުކޮށްގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީން ވަނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށް ރިސެސް އަށް ވަޑައިގެންފަ އެވެ.