ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 22:11
އެއަރ އިންޑިއާގެ މަތިންދާބޯޓެއް
އެއަރ އިންޑިއާގެ މަތިންދާބޯޓެއް
ޓްރެވަލް ޓްރޭޑް ޖަރނަލް
އެއަރ އިންޑިއާ
އެއަރ އިންޑިއާއިން 200 ބޮއިންގ މަތިންދާބޯޓު ގަންނަނީ
ޖޯ ބައިޑެން ވިދާޅުވީ މިއީ ތާރީހީ އެއްބަސްވުމެއް ކަމަށް

އެމެރިކާގެ ބޮއިންގ ކުންފުނީގެ 200 މަތިންދާ ބޯޓު ގަތުމަށް އިންޑިއާގެ އެއަރ އިންޑިއާ އެއަރލައިނުން ބޮއިންގއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ ސްޓޭޓްމަންޓެއް ނެރުއްވާފައެވެ. އެ މަނިކުފާނުގެ ސްޓޭޓްމަންޓުގައި މި އެއްބަސްވުން ސިފަކުރެއްވީ ތާރީހީ އެއްބަސްވުމެއްގެ ގޮތުގައެވެ. އަދި އުފެއްދުންތެރިކަމުގެ ދާއިރާގައި އެމެރިކާ އޮންނާނީ އަބަދުވެސް އެންމެ ކުރީގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބައިޑެން ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގައި އެއް މިލިއަނަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދިގެންދާނެއެވެ. އަދި މިއީ އިންޑިއާއާއި އެމެރިކާގެ ބަދަހި ގުޅުމުގެ ރަމްޒެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ގުޅިގެން އެ ގައުމާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ބައިޑެންގެ ރަސްމީ ސްޓޭޓްމަންޓުގައި ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެއަރ އިންޑިއާއިން ވެފައިވާ އެއްބަސްވުމުގެ ދަށުން 220 މަތިންދާ ބޯޓު 34 ބިލިއަން އެމެރިކާ ޑޮލަރަށް ގަންނާނެއެވެ. މި އެއްބަސްވުން ހަދާފައިވަނީ އިތުރު 70 ބޯޓު ގަތުމުގެ ފުރުސަތުވެސް އޮންނަ ގޮތަށް ކަމަށާއި، އިތުރު 70 ބޯޓު ގަނެފިނަމަ ޖުމްލަ އަގު 45.9 ބިލިއަން ޑޮލަރަށް އަރާނެއެވެ.

އެއަރ އިންޑިއާއިން ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުގައި އެ އެއަރލައިނުން ގަންނަން ނިންމާފައިވަނީ ބޮއިންގ 787ގެ 20 ބޯޓާއި ބޮއިންގ 777-9 ވައިޑް ބޮޑީ 10 ބޯޓާއި ބޮއިންގ 727 މެކްސް ސިންގަލް އައިލްގެ 190 ބޯޓު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް