އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅީފަޅުގައި ގާއިމުކުރުމަށް، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސް އާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ބުދަ ދުވަހު މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ޢައިޝަތު ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީ އެވެ.
އެމްޑަބްލިއުއެސްސީގެ ފަރާތުން މިފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޙަސަން ޝާޙުއެވެ. އަދި ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މިޔާގީ ޓައިޔޯ ސޮއި ކުރެއްވި އިރު ރިނިއުބަލް އެނަރޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާރމަން ޑރ. އިބްރާހިމް ނާޝިދުއެވެ.
މިފަހުމުނާމާގެ ދަށުން ގުޅީފަޅުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއެއް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި މި މަޝްރޫއުގެ ދަށުން، ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިފައިވާ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި 1,450 ކިލޯވޯޓް ޕަރ އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިއާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މި މަޝްރޫއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަނާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނަރޖީ މޯލްޑިވްސް އިން ފަންޑުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
ދިވެހި ސަރުކާރުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ "ކާބަން ނެޓް ޒީރޯ އެމިޝަންސް" ކުރުމަށް އަމާޒު ހިފާފައިވާއިރު، އިއާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓް ކުރުމަކީ މުހިންމުކަމެއް ކަމުގައި އެމްޑަބްލިއުއެސްސީން ފާހަގަކުރިއެވެ. އެގޮތުން އެ ކުންފުނީގެ އަމާޒަކީ މިމަޝްރޫއުގެ ސަބަބުން ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަންތަކުގައި އިއާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފްކޮށް އީޖާއީ ކުންފުންޏަކަށް ވުން ކަމަށް ވެސް ބުންޏެވެ.