ޔޫއޭއީގެ މިނިސްޓަރ އޮފް އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ، ކޮޕް 28 ގެ ރައީސް، އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، މަސްދަރުގެ ޗެއަރމަން އަދި ޔޫއޭއީގެ ސްޕެޝަލް އެންވޯއީ އޮން ކްލައިމެޓް ޗޭންޖް، ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ނައިބުރައީސް މިހާރު، ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮޕް 28 ގެ ރައީސްގެ މަޤާމަށް މިނިސްޓަރ ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ޢައްޔަނުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ޤާބިލު ލީޑަރޝިޕާއި އިރުޝާދުގެ ދަށުން މި ކޮންފަރެންސަކީ ކާމިޔާބު ކޮންފަރެންސަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރާއްޖެއާ ޔޫއޭއީއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ނައިބު ރައީސް ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަކީ، ވަރަށް ޚާއްޞަ ގުޅުމެއްކަމަށެވެ.އަދި ޔޫއޭއީއަކީ ދެމެހެއްޓެނިވި އަދި އިތުބާރުކުރެވޭ ރަޙުމަތްތެރިއެއްކަމަށާއި، ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި، ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކާއި، މައްސަލަތައް ޙައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ޔޫއޭއީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާހުރި ގޮތުގައި ރާއްޖެއާއި ޔޫއޭއީގެ ގާތް ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެ، ކުރިއަރައިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.