ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ފުޖެއިރާގެ ވަލީއަހުދު ޝައިޚް ހަމަދު ބިން މުހައްމަދު އައްޝަރްގީއާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ ވޯލްޑް ގަވަރމަންޓް ސަމިޓް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް މިހާރު ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ، ދުނިޔޭގެ ކުރިމަގު ބައްޓަންކުރުމަށް މަގުފަހިކޮށްދެމުން އަންނަ ވޯލްޑް ގަވަރމަންޓް ސަމިޓު ހުއްޓުމެއްނެތި ކާމިޔާބުކަމާއެކު އެތައް އަހަރެއްވަންދެން ކުރިޔަށްގެންދަވާތީ، ޔޫއޭއީގެ ލީޑަރޝިޕުން ގެންގުޅުއްވާ ދުރުވިސްނުންފުޅަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ރާއްޖެއާ ޔޫއޭއީއާ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރި، ގާތްގުޅުމަކީ އިސްލާމީ އަޚުވަންތަކަމާއި، ސަގާފީ، ތާރީޚީ، އަދި ދެ ގައުމުން ގަބޫލުކުރާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ފާހަގަކުރެއްވިގޮތުގައި ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަލީއަހުދު ވަނީ، ތަރައްގީގެ ކަންކަމުގައާއި ވިޔަފާރިއާ އިންވެސްޓްމެންޓުގެ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާއާއި، ބައިނަލްއަގުވާމީ ގުޅުންތަކާއި، އަދި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިއީ ދިވެހިރާއްޖެއާ ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 45 އަހަރު ފުރޭ އަހަރެވެ.