މުސްތަގުބަލަށްޓަކައި، މިހާރު ލިބެންހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ކުރިޔަށްދިޔަ "ފިއުޗަރ އޮފް ވޯރކް" ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ދުނިޔޭގެ ލީޑަރުން، މިހާރުގެ ހިންގުމުގެ ނިޒާމުތައް ކުރިއަރުވާ "ފިއުޗަރ އޮފް ވޯރކް"ގެ ބޭނުންތައް ހާސިލުވާގޮތަށް އެ ނިޒާމުތައް ބައްޓަންކުރަށްޖެހޭކަމަށެވެ.
ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ކުރިޔަށްދަނީ މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި ރަނގަޅު މުސްތަގުބަލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަވަސް ހައްލުތަކެއް ހޯދަންޖެހޭ މައްސަލަތަކެއް، އަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، އެކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އިގްތިސާދަށް އަންނަ ލޮޅުންތަކާއި، ޑިމޮގްރަފިކް ނުރަނގަޅު ޓްރެންޑްތަކާއި، މޫސުމަށް އަންނަ ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެސް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރު ކުރިޔަށްދަނީ، ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގުމާއި މުއައްސަސާތައް އިސްލާހުކުރުމާއި، ޕަބްލިކް ސެކްޓަރ ޒަމާނީކޮށް ތަރައްޤީކުރުމަކީ ޤައުމުގެ ކުރިއެރުމާ ތަރައްޤީގެ މައިގަނޑު އަސާސްތައް ކަމުގައި ދެކިގެންކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ. އަދި މިކަން ހާސިލުކުރުމަށްޓަކައި އިޖުތިމާއީ އަދި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމާއި އިޖުތިމާއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ސަރަހައްދީ ގުޅުންތައް ރަނގަޅު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ވޯލްޑް ގަވަރމަންޓް ސަމިޓުގެ ޝިއާރަކީ "ޝޭޕިންގ ފިއުޗަރ ގަވަރމެންޓްސް"އެވެ. މި ސަމިޓް ބާއްވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް އައި ބޮޑެތި ބަދަލުތަކަށްފަހު ކަމުގައިވާތީ މިއީ މިފަދަ ސަމިޓަކަށް ވަރަށް މުނާސަބު ވަގުތެއްކަން ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުތަކުން ކަންކަން ހިންގަމުން އައި ގޮތްތައް އަލުން ތަރުތީބުކޮށް، ޚިދުމަތްތައް ހަލުވިކޮށްދިނުމަށްޓަކައި އުފެއްދުންތެރި ސިޔާސަތުތައް އެކުލަވާލައި ޓެކްނޮލޮޖީތައް ތައާރަފްކުރަން ސަރުކާރުތަކަށް މަޖުބޫރުވެގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ މި ބަލިމަޑުކަމުގެ ސަބަބުން މުޅި ސިއްހީ ނިޒާމަށް އައި އިންޤިލާބީ ބަދަލާ އަދި ވަރޗުއަލް ޚިދުމަތްތަކުގެ މުހިންމުކަން ވެސް ހާމަވެގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އުމްރާނީގޮތުންނާއި ޓެކްނޮލޮޖީ ގޮތުންނާއި އަދި މި ނޫންވެސް އައި ބަދަލުތަކާއެކު ރާއްޖެއަކީ ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މަސައްކަތްކުރާ ފަރާތްތަކާއި ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ޖަގަހައަކަށް ވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖެއިން "ވަން-ގަވް ޚިދުމަތްތައް" ތައާރަފްކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މިހާރު "ގަވްއެމްވީ" ޕްލެޓްފޯމަކީ، ސަރުކާރުގެ އިދާރާތަކާއި އާންމުންގެ މެދުގައި ޑިޖިޓަލް މުވާސަލާތު ކުރުމުގެ މަގު ފަހިކޮށްދޭ ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ޑިވެލޮޕްމަންޓް އެޖެންޑާގެ އަމާޒަކީ ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ބިންގާއަޅައި ކުރިއެރުވުންކަމަށާއި މި ޕްލޭންގެ މައިގަނޑު އަސާސަކީ ޑިޖިޓަލް މުޖުތަމައެއްގެ ބިނާކުރުމުގެ މައިގަނޑު އެއް އަސާސްކަމުގައިވާ، ޑިޖިޓަލް އައިޑެންޓިޓީ ތައާރަފްކުރުން ކަމަށެވެ.
ނައިބު ރައީސް ވަނީ "ފިއުޗަރ އޮފް ވޯރކް" އަށް މަގުފަހިވާގޮތަށް އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ކުދި ފަންތިއާ އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްއެމްއީ ބޭންކް އުފެއްދުމާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މެދުވެރިކޮށް އިތުބާރު ހިފޭ އަދި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އުފެއްދުންތެރި "ގްރީން ޓެކްނޮލޮޖީ"އަށް އިސްކަން ދޭންޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީއާ ގާބިލުކަން އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކޮށް، ކާރިސާތަކުގެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ނޫ އިޤްތިޞާދު ކުރިއެރުވުމާއި ބެހޭގޮތުން ވެސް އެމަނިކުފަނު ވާހަކަފުޅު ދެއްކެވިއެވެ.