ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް ހާޒިރުކޮށްފި އެވެ.
ސައުދު އޭސީސީއަށް ހާޒިރުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:17 އަށެވެ.
އޭސީސީއަށް ހާޒިރުވުމަށް ސައުދުގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ހާޒިރުކުރަނީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅޭ އެއްވެސް މިންވަރެއްގެ ތަފްސީލެއް އަމުރުގައި ބަޔާންކޮށްފައިނުވެ އެވެ.
އޭސީސީގެ އަމުރާއެކު ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، "ސިޔާސީ ތުހުމަތު ސީޒަން 2، އެޕިސޯޑް 3" އަށް އޭސީސީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
Siyaasee Thuhumath season2, Episode 3, ACC ah miadh alhugandu haasiruvaan vanee angaafa. In Sha Allah, I will be stronger with my confidence pic.twitter.com/GeN7idSIlo
— Saud Hussain MP (@SaudVillingili) July 2, 2017
ސައުދު އޭސީސީއަށް ހާޒިރުކުރިއިރު، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ސައުދުގެ މައްޗަށް ފުލުހުން ގެންދަނީ ތަހުގީގެއް ހިންގަމުންނެވެ.
ސައުދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެކި ކަންކަމަށް ފާޑުވިދާޅުވާތީ، ޕީޕީއެމުން މިދިޔަ އޭޕްރީލް މަހު ވަކިކޮށްފައިވާ ބޭފުކެވެ. ޕީޕީއެމުން ވަކިކުރުމާއެކު ސައުދު ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުގަ އެވެ.