ރިޔާސީ އިންތިޚާބަށް ބޭނުންވާ ތައްޔާރީތައްވުމުގެ މަސައްކަތްތައް ފެށޭނީ އިންތިޚާބާ ބެހޭ މަރުކަޒެއް ލިބިގެން ކަމަށާއި މަރުކަޒެއް ނެތުމުން ގިނަ ދަތިތަކަކާ ކުރިމަތިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ހަބީބު މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިޚާބާ ދިމާކޮށް މީޑިއާތައް ތަމްރީނުކުރުމަށް އެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކުރަން ނިންމައިފައިވާ ކަމަށެވެ. އެއީ މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ކިބައިން ނޭދެވޭ ކަންތައްތައް ފެންނާތީ ކަމަށާއި އެ ކަން ހައްލުކުރުމަށް ކަމަަށް އޭނާ ވިދާޅުވިއެވެ. އަދި މި އިންތިޚާބުގައި މޮނީޓަރުންނަށް ފާސް ދޫކުރާނީ ތަމްރީނެއް ދިނުމަށްފަހު ކަމަށް ހަބީބު ވިދާޅުވިއެވެ.
އެ ހުރިހާ މަސައްކަތެއް ވެސް ފެށޭނީ އިންތިޚާބާ ބެހޭ މައި މަރުކަޒެއް ލިބުމުން ކަމަށާއި މީގެ ކުރިން އެ ކޮމިޝަނުގެ އިންތިޚާބާ ބެހޭ މައި މަރުކަޒު ހިންގަމުން އައި ބައު ޖަމާލުއްދީން ސްކޫލް ސަރުކާރުގެ ބޭނުމަކަށް ނެގުމާއެކު އެ ކޮމިޝަންގެ ހުރިހާ ތަކެއްޗެއް ވަނީ އަރަބިއްޔާ ސްކޫލްގެ ބައު އިމާރާތުގެ 10 ކްލާސްރޫމަށް ބަދަލުކުރެވިފައި ކަމަށް ހަބީބު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އޮފީހުގެ ވަރަށް މުހިންމު ފައިލުތަކާ އެއްޗެހި ގެއްލިފައި ވީ. ޕޮލިހަށް ދެ ފަހަރު ވެސް ރިޕޯޓްކޮށްފައިވީ. އެ ތަނަކީ ސެކިއުރިޓީ ވެސް ބަލަހައްޓާ ތަނެއް،" ހަބީބު ވިދާޅުވިއެވެ.
އެކަމަށް އިތުރު ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ދާއިމީ މަރުކަޒެއް ނެތުމުން މުހިންމު މަސައްކަތްތަކަކަށް ދަތިތައް ފޯރާ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު އޮތީ ދިވެހިރާއްޖޭގެ އަޑުގެ ބައު އިމާރާތް މި މަހުގެ ނިޔަލަށް ދެއްވާނެ ކަމަށް ވިދާޅުވެފައި ކަމުގައި އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ތަން އެހާތަނަށް ނުލިބިއްޖެނަމަ މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ދެއްވުމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް ހަބީބު ވިދާޅުވީ އެޗްޑީސީން ވަނީ ހުޅުމާލެއިން ވެސް އެ ކޮމިޝަނަށް ބިމެއްް ހަމަޖެހޭނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހުއެވެ.