ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 14:14
ޓީޗަރުން
ޓީޗަރުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
ޓީޗަރުންގެ މުސާރައިގެ މައްސަލަ: ސިވިލް ސާވިސް ކޮމިޝަނާއި ޕޭ ކޮމިޝަނުގެ ހިޔާލު ތަފާތުވުންތަކެއް
 
ޑިގްރީ އަލަށް ހަދާ ޓީޗަރުންނަށް މުސާރަ ބޮޑު ނުވާ މައްސަލަ އޮތީ ފެންމަތިވެފައި
 
މި ކަމުގައި ދެ ކޮމިޝަނުގެ ހިޔާލު ތަފާތު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ނޭޝަނަލް ޕޭ ކޮމިޝަން ހިޔާލު ތަފާތުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ މި ދެ ކޮމިޝަނާ ބައްދަލުކޮށްފައެވެ. މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އަލަށް ޑިގްރީ ހަދާ ޓީޗަރުންގެ ހުރި ކަންބޮޑުވުންތަކާ މެދުގައެވެ. އެ ގޮތުން އަލަށް ޑިގްރީ ހަދާ ޓީޗަރުންނަށް އެ ޓީޗަރަކު މަސައްކަތް ކުރާ ސްކޫލެއްގައި ހުރެފައި ޕްރޮމޯޝަން ނުލިބޭ ކަމުގެ ޝަކުވާ ވަރަށް ގިނައިން ކުރެއެވެ. އެހެން ނަމަވެސް އެ ޓީޗަރު އެހެން ސްކޫލަކަށް ބަދަލުވެއްޖެނަމަ އޭނާއަށް ޑިގްރީ ފެންވަރު މަގާމަށް ޕްރޮމޯޓްވެވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މިއަދުގެ ކޮމިޓީގައި ވިދާޅުވީ މައްސަލައަކީ ޑިޕްލޮމާގައި ރޭންކް 1ގައި ތިބޭ ޓީޗަރުން ޑިގްރީ ހެދުމުން ލެވެލް 2އަށް ޕްރޮމޯޓްނުވާ މައްސަލަ ކަމަށެވެ. އޭނާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވަނީ ޑިގްރީ ފެންވަރުގެ ޓީޗަރުން ކަމަށާއި އެހެން ނަމަވެސް މުސާރައިގެ އައު އޮނިގަނޑާއެކު ޑިގްރީ ހަދާ ޓީޗަރުން ޖެހެނީ ޕްރޮމޯޝަން ނުލިބި ދެ އަހަރު މަޑުކުރަން ކަމަށެވެ.

ދެން އެ ބޭފުޅާއަށް އެބައޮތް ކުޑަކޮށް އެހެން ގޮތެއް ހަދައިގެން ވެސް އެ ފުރުސަތު ލިބެން. އެ ބޭފުޅާއަށް އިސްތިއުފާ ދެވިދާނެ. އިއުލާންކުރީމަ އެ ބޭފުޅާއަށް ޑިގްރީ މަގާމަށް އެބަ އާދެވޭ. އެހެންވީމަ އެކަހަލަ ގޮތަކަށް މިހާރު މި އޮތީ
އިބްރާހީމް ރަޝީދު / ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް

އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ޓީޗަރުން ވަރަށް ބޮޑަށް ޑީމޯޓިވޭޓްވާކަމުގެ ޝަކުވާ އެ ކޮމިޝަަނަށް ލިބެމުންދާއިރު އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އާއި ޕޭ ކޮމިޝަނާ ވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މި މައްސަލައަކީ އަޅުގަނޑުމެންނަށް ހައްލުކުރެވޭނެ މައްސަލައެއް، ހައްލުކުރަން ވެސް ޖެހޭ މައްސަލައެއް. އެހެން ނަމަވެސް ޕޮލިސީ ލެވެލްގައި ޑެސިޝަން ނަގާނީ ކޮން ފަރާތެއްތޯ އެއީ އަސްލު މިހާރު ސުވާލު އުފެދޭ ހިސާބަކީ. ގާނޫނީ ގޮތުން އެ ބާރު އޮތީ ސިވިލް ސާވިސް ކޮމިޝަނަށް ތޯ ޕޭ ކޮމިޝަނަށްތޯ
އިބްރާހީމް ރަޝީދު / ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު މުހައްމަދު ފަރުޞަތު ވިދާޅުވީ އަބަދުވެސް ޕޭ ފްރޭމްވޯކެއް އައުމުން ހިޖުރަ ކުރާނެ ކަމަށާއި އެ އުސޫލުން މިދިޔަ އަހަރުގެ މެއި އެއްވަނަ ދުވަހު ވެސް އެ ގޮތަށް އެކަން ކުރި ކަމަށެވެ. އަދި ބޭނުންވަނީ ޑިގްރީ ފެންވަރުގެ ޓީޗަރުން ނަމަވެސް ހިޖުރަކުރި އިރުގައި ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން ވެސް ތިބިކަމަށެވެ. ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާސް ވަކި ލެވެލްއަކަށް ލެވުނު ނަމަވެސް ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ފިޔަވައި އެހެން ބަޔަކަށް މައްސަލައަކާ ކުރިމަތިނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ޑިގްރީ މީހުންނަށް ދިމާވާ މައްސަލައަކީ ޑިގްރީ ހަދައިގެން ތަނަކަށް ވަޒީފާއަށް އެޕްލައިކުރުމުން އޭނާއަށް ޑިގްރީ ފެންވަރުގެ މަގާމެއް ލިބުނު ނަމަވެސް ޑިގްރީ ލެވެލްގެ މަގާމު ނެތި ޑިޕްލޮމާ ލެވެލްގެ މަގާމުގައި ހުރެގެން ޑިގްރީ ހެދުމުން އެ ތަނަކުން އެ މަގާމަކަށް ޕްރޮމޯޓެއް ނުވުން ކަމަށެވެ. ފަރުޞަތު ގަބޫލުކުރައްވާ ގޮތުގައި އެހެން ތަނަކަށް ބަދަލުވުމުން ކުރިއެރުން ލިބޭނަމަ އެ ތަނެއްގައި ހުރެގެން ވެސް އެ މީހަކަށް ކުރިއެރުން ލިބެން ޖެހޭނެއެވެ. އެހެންކަމުން، ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ހަދަން ބޭނުންނަމަ ޕޭ ފްރޭމްވޯކުން އަލަށް ޑިގްރީ ހަދާ މީހުންނަށް އެކްސެޕްޝަނަލް ފުރުސަތެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ގޮތަށް އެކްސްޕެކްޝަނަލް ފުރުސަތެއް ތައުލީމީ ދާއިރާއިން އެކަނި ދިނުމަކީ ހަމަހަމަގޮތެއް ކަމަކަށް ޕޭ ކޮމިޝަނަކުން ނުދެކެއެވެ. އެ ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް މުހައްމަދު ފައިޒަލް ވިދާޅުވީ ޕޭ ކޮމިޝަނުގެ އެންމެ ބޮޑު ބޭނުމަކީ މުސާރައިގެ އޮނިގަނޑުތައް ހާމަނައިޒް ކުރުން ކަމަށެވެ. ކުރީގެ މުސާރައިގެ އޮނިގަނޑުތަކުގައި އޮތް ގޮތުން ފާހެއް ހިފައިގެން އަންނައިރަށް ޕްރޮމޯޝަން ލިބޭ ގޮތަށް އޮތްކަމަށާއި އެހެން ނަމަވެސް ތައުލީމީ ދާއިރާއަށް ކުރިން އޮތް އެ ފުރުސަތު އެހެން ދާއިރާތަކަށް ނެތް ކަމަށެވެ.

މިސާލަކަށް އެޗްއާރުން ޑިގްރީ ނަގައިގެން އަންނަ މީހަކު އޮފީހަށް ޑިގްރީ ހުށަހެޅިޔަސް އެ މީހަކަށް ޕްރޮމޯޝަނެއް ނުލިބޭ އެނގޭތޯ
މުހައްމަދު ފައިޒަލް / ޕޭ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް

އެހެންކަމުން މި ކަމުގައި ހޯދަން ޖެހެނީ އެހެން ހައްލެއް ކަމަށް ޕޭ ކޮމިޝަނުން ގަބޫލުކުރާއިރު ދެ ކޮމިޝަނަށް ވެސް ކޮމިޓީން ވަނީ މަޝްވަރާ ކުރުމަށް ފުރުސަތު ދީފައެވެ. އަދި މަަޝްވަރާކުރުމަށްފަހު މި ކަމަށް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިފައެވެ. ޕޭ ކޮމިޝަނުން ބުނީ މެއި މަހުގެ ނިޔަލަށް މި ކަަމަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް